އޭޝިޔާ ޕެސިފިކް ސަރަހައްދުގެ 150 ވަރަކަށް ޒުވާނުން ކުރިމަތިލި "ކޮލަމްބޯ އިންޓަނޭޝަނަލް ޔޫތު އެވޯޑް" ދިވެހި ޒުވާނަކު ހޯދައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ 500 ޑޮލަރު އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވާ އެވޯޑް ހާސިލުކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް އެންޑް ރިހިބިލިޓޭޝަން ސަވިސަސް ]ޑީޑީޕީއާރުއެސް[ގެ ކައުންސިލަރު މުޙައްމަދު އަޒްމީލް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި މަހު 19 އިން 22 އަށް ބޫޓާންގެ ދިމްޕޫގައި އޮތް "ޓުގެދާ ވީ ކޭން" ޝިއާރުގެ ދަށުން ބޭއްވި އޭޝިއަން ޔޫތު ކޮންގްރެސްގެ ތެރޭގައި ދިން އެވޯޑަކީ އޭޝިއާ ޕެސިފިކް ރީޖަންގައި ހިމެނޭ ކޮލަމްބޯ ޕްލޭންގެ މެންބަރު ގައުމުތަކުގެ ތެރެއިން މަސްތުވާ ތަކެއްޗާ ދެކޮޅަށް އިސް ސަފުގައި ޙަރަކާތްތެރިވާ ޒުވާނުންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ފިރިހެން ލީޑަރަކަށް ކޮލަމްބޯ ޕްލޭނުން ދިން އެވޯޑެއް ކަމަށެވެ.

އެ ކޮންގްރެސްގައި ބޫޓާންގެ އެކިއެކި ޕްރޮވިންސުންތަކުން 80 ލީޑަރުންނާއި ކްލަމްބޯ ޕްލޭންގައި ހިމެނޭ އޭޝިއާ ޕެސިފިކް ރީޖަންގެ މެންބަރު 20 ޤައުމަކުން މަންދޫބުން ބައިވެރިވި ކަމަށް ހެލްތުން ބުންޏެވެ.

އަޒްމީލު އެވޯޑް ހާޝިލުކޮށްފައި ވަނީ އެ މަގާމަށް ކުރިމަތިލި 150 ފަރަތަކާ ވާދަކޮށް އެއްމެ ގިނަ މަންދޫބުންގެ ތާއީދު ލިބިގެންނެވެ.

އަޒްމީލަކީ، ހެލްތުން ބުނި ގޮތުގައި، 2002 ވަނަ އަހަރުން ފެށިގެން ޑީޑީޕީއާރުއެސްގެ ޑްރަގް ކައުންސެލަރެއްގެ ގޮތުން މަސައްކަތް ކުރައްވަމުން އަންނަ މީހެކެވެ. އަދި އޭނާ އަކީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ރާއްޖޭގައި މިހާތަނަށް ހިންގި ގިނަ ޙަރަކާތްތަކެއްގައި އަމަލީގޮތުން އިސްކޮށް ޙަރަކާތްތެރިވެފައިވާ ޒުވާނެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.