އދ. (ނޮވެމްބަރު 15): އދ.އިން މީގެ ނުވަ އަހަރު ކުރިން އެރިޓްރިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެފިޔަވަޅުތައް އުވާލަން ނިންމީ، އެރިޓްރިއާ އާއި އިތިއޯޕިއާގެ ހަނގުރާމައަށް 20 އަހަރުވީ ފަހުން، އެދެ ގައުމުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރި ފަހުންނެވެ.

އެމަޖިލީހުން ވަނީ ދެ ގައުމުގެ ގުޅުމަށް މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް އެރިޓްރިއާގެ އަވަށްޓެރި ޖިބޫޓީއާ އެކު ވެސް ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ޖިބޫޓީ އާއި އެރިޓްރިއާއާ ދެމެދު އޮތް ބޯޑަރާ ބެހޭ ގޮތުން ދެގައުމުގެ މެދުގައި ދެބަސްވުން އުފެދި، 2008ގައި ދެގައުމުގެ ސިފައިންގެ މެދުގައި ހަމަލާ ބަދަލުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އެ ދެ ގައުމުން ވަނީ، ދެގައުމުގެ ގުޅުން އާދައިގެ ހާލަތަށް ރުޖޫއަކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެރިޓްރިއާއާ ހަތިޔާރުގެ ވިޔަފާރި ކުރުން މަނާކޮށް، އެގައުމުގެ ބައެއް އޮފިޝަލުންނާ ދެކޮޅަށް 2009 ވަނަ އަހަރު އދ.އިން ފިޔަވަޅު އެޅީ، އެގައުމުން ސޯމާލިއާގެ ހަތިޔާރު އެޅި ޖަމާއަތްތަކަށް އެހީވާ ކަމަށް ބުނެ އެވެ. ނަމަވެސް އެރިޓްރިއާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

އަދި އދ.ގެ ސަލާމަތީ ކައުންސިލުން އިއްޔެ ވަނީ އެރިޓްރިއާއިން ސޯމާލިއާގެ ހަތިޔާރު އެޅި ޖަމާއަތްތަކަށް އެހީވި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެފައިވާ ކަމަށް ބުނެފަ އެވެ.