މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް އަބްދުލްރައްޒާގު ހަލީމް އިސްތިއުފާދެއްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަލީމް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށާއި އެ ބޯޑުން އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ.

ހަލީމް އެމްޕީއެލްގެ ސީއީއޯކަމުން ވަކިވާނީ މިއަދުން ފެށިގެންނެވެ. އެހެންކަމުން ކުންފުނި ވަގުތީ ގޮތުން މެނޭޖުކުރައްވާނީ އެސިސްޓަންޓް ސީއީއޯ ރާބިހު މުހައްމަދު ކަމަށް ނިޒާރު ވިދާޅުވި އެވެ.

ހަލީމް އެމްޕީއެލްގެ ސީއީއޯކަމަށް ހަމަޖެއްސީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

އޭގެ ކުރިން އޭނާ ވަނީ ރައީސް ޔާމީން ސަރުކާރުގެ ދެކުންފުންޏެއްގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ. އެއީ އެމްއާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރުކަމާއި އެމްޓީސީސީގެ ސީއީއޯގެ މަގާމެވެ.