15 Nov 2018, 10:14
ބޮލީވުޑްގެ ހިތްގައިމު ޖޯޑު އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމު 'ބްރަހްމާސްތުރަ' ރިލީޒް ކުރާ ތާރީޚަށް ބަދަލު ގެނެސްފިއެވެ.
"ބްރަހްމާސްތުރަ" އަކީ އަޔާން މުކަރްޖީ ޑައިރެކްޓުކޮށް، ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ތިން ފިލްމުގެ މައްޗަށް ހިމެނޭ ފިލްމު ސީރީޒެކެވެ. ސީރީޒްގެ ފުރަތަމަ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފިލްމު ރިލީޒް ކުރާ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
ފިލްމު ފަސްކުރަން ޖެހުނު ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ބަލްގޭރިއާގައި ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަ އިރު، ފިލްމުގެ ބޮޑު ބައެއް މިހާރު ވަނީ ޝޫޓުކޮށް ނިންމައިފައެވެ.
މިއީ އަޔާންގެ ފުރަތަމަ ފެންޓަސީ ފިލްމެވެ. ފިލްމުގައި ރަންބީރު ފެނިގެން ދާނީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ ރޯލުންނެވެ.
އާލިއާ އަދި ރަންބީރުގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން އަމީތާބް ބައްޗަން އަދި މޯނީ ރޯއީ ވެސް ފެނިގެން ދާނެ އެވެ.