އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ، އިދިކޮޅު ކޯލިޝަންގެ ބައިވެރިން ބައިވެރެވަޑައިގަންނަވާ ފުޓްބޯޅަ މެޗަށް ޕްރެކްޓިސް ކުރަނިކޮށް، އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް އަނިޔާވެ، ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.

ފައިސަލްއަށް އަނިޔާވީ އިއްޔެ ހަވީރު ހެންވޭރު، ދަނޑުގައި އިދިކޮޅު ލީޑަރުން ބައިވެރިވެވަޑައިގެންނެވި "ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ޕެރެކްޓިސްގައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފައިސަލް އަށް އިއްޔެ އޭޑީކޭ ހޮސްޕިޓަލް އިން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. އަދި ފައިސަލް އަށް މާބޮޑު އަނިޔާއެއް ނުވެއެވެ.

ފައިސަލް އަށް އަނިޔާވީ ރައީސް މުހައްމަދު ނަޝީދު ޖެއްސެވި ބޯޅައެއް ފައިސަލްގެ ބޮލުގެ ފުއްކިބައިގައި ޖެހިއެވެ. އަދި އޯވަހެޑަކުން ބޯޅަ ޖަހަން އުޅެނިކޮށް، ބިންމަތީގައި ބޮލާއި ކަދުރާ ޖެހި އަނިޔާވިއެވެ.

ރިޔާސީ އާ ދައުރު ފެށުމުގެ އުފަލުގައި އާއްމުންނަށް ހުޅުވާލައިގެން "ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުޅިވަރުގެ ބޮޑު ހަރަކާތް ހޯމަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތުގައި އިދިކޮޅު ލީޑަރުންނާ އެކު ކުޅޭ ފުޓްބޯޅަ މެޗެއްގައި އިންތިހާބީ ރައީސާއި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.