15 Nov 2018, 09:39
ވޮޝިންޓަން(ނޮވެމްބަރު 15): އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ ނައިބު މީރާ ރިކާޑެލް މަގާމުން ދުރުކުރުމަށް ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ގޮވާލެއްވި ފަހުން، އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ސޭރާ ސޭންޑާސް ވިދާޅުވި ގޮތުގައި ރިކާޑެލް މަގާމުން ދުރަށް ޖެހި ވަޑައިގަތީ ސަރުކާރުގެ އެހެން މަގާމެއް ފުރުއްވުމަށްޓަކައި އެވެ. ނަމަވެސް އެއީ ކޮން މަގާމެއްކަން ތަރުޖަމާނު ވިދާޅެއް ނުވެ އެވެ.
މެލާނިއާގެ ތަރުޖަމާނު އިއްޔެ ވިދާޅުވި ގޮތުގައި "ވައިޓް ހައުސްގައި މަސައްކަތް ކުރުމުގެ ޝަރަފަކީ ރިކާޑެލްއަށް ހައްގު ޝަރަފެއް ނޫން" ކަމަށް ފަސްޓް ލޭޑީ ގަބޫލު ކުރައްވަ އެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މެލާނިއާ އައި ރިކާޑެލްއާ ދެމެދު މައްސަލަ ޖެހުނީ، މެލާނިއާ މިދިޔަ މަހު އެފްރިކާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެގޮތުން އެދަތުރުގައި ރިކާޑެލް ބައިވެރިވާން ބޭނުންވި ނަމަވެސް، މެލާނިއާ ދަތުރު ކުރެއްވި މަތިންދާބޯޓުން ރިކާޑެލްއަށް ޖާގައެއް ނުލިބުނެވެ.
އެ މައްސަލާގައި، އެ ދަތުރަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އެއްވެސް މުވައްޒަފަކު ނުފޮނުވާނެ ކަމުގެ އިންޒާރު ރިކާޑެލް ދިން ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެދަތުރުފުޅުގައި އޭބީސީ ނޫހަށް ދެއްވި އިންޓަވިއުއްގައި މެލާނިއާ ވަނީ އެކަމަނާ އިތުބާރު ނުކުރައްވާ މީހުން ވައިޓް ހައުސްގައި ތިބި ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ކޮންބަޔެއްކަން ރައީސް ޓްރަމްޕަށް އެންގެވި ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރިކާޑެލް މަގާމުން ދުރުކޮށްފައި ވަނީ، ވައިޓް ހައުސްގެ މަގާމުތަކަށް ބަދަލު ގެންނަން ރައީސް ޓްރަމްޕް ނިންމަވާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓު ކުރި ފަހުންނެވެ.
އެގޮތުން ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ ނުވަތަ ސެކްރެޓަރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ ކާސްޓެން ނީލްސަން މަގާމުން ދުރުކުރަން ޓްރަމްޕަ ވިސްނަވާ ކަމަށް ވެސް އެމީޑިއާތަކުން ބުނެއެވެ.