15 Nov 2018, 09:31
ކެނެޑާއަށް ހިޖުރަކުރި އެރިތުރިޔާ ކުދީން ކެނެޑާގައި ފުރަތަމަ ސުނޯ މޫސުމަށް މަރުހަބާ ކިޔައިފިއެވެ.
އެރިތުރިޔާއިން ކެނެޑާއަށް ހިޖުރަ ކުރި ދެ ކުއްޖަކު ވަނީ އެ ދެ ކުދީން ކެނެޑާއަށް ދިޔަތާ 48 ގަޑި އިރުގެ ތެރޭގައި ކެނެޑާގެ ސުނޯ މޫސުމަށް މަރުހަބާ ކިޔައިފައެވެ.
އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ ފިރިހެން ކޮއްކޮއާ ދެ ކުދީން ސުނޯގެ އެތިކޮޅުކޮޅުން އުފާ ލިބިގަންނަމުން ދިޔަ މަންޒަރު ވީޑިޔޯ ކޮށްފައި ވަނީ ކެނެޑާ މީހެއް ކަމަށް ވާ ރެބެކޭ ޑޭވީސްއެވެ. އެރިތުރިޔާއިން ކެނެޑާއަށް ހިޖުރަ ކުރުމަށް މި އާއިލާއަށް އެހީތެރި ވީ ވެސް ރެބެކާއެވެ.
ކެނެޑާގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން އެރިތުރިޔާގެ މި ކުދީންގެ މަންމަ، އެ ކުދީންނާ އެކު އެރިތުރިޔާ ދޫކޮށް ގޮސް ސޫދާނުގެ ރެފިއުޖީ ކޭންޕެއްގައި ދިރިއުޅެމުން ދަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. ރެބެކާއަށް އެ އާއިލާގެ މައުލޫމާތު ލިބުނީ އިންޓަނެޓުންނެވެ. އެ ވަގުތުން ފެށިގެން ރެބެކާ ދިޔައީ އެ އާއިލާއަށް އެހީތެރިކަން ފޯރުވޭނެ ގޮތްތައް ރާވައި އިންތިޒާމު ކުރަމުންނެވެ. އެންމެ ފަހުން އެ އާއިލާއިން ކެނެޑާއަށް ހިޖުރަ ކުރުމަށް ބޭނުންވާ ހުރިހަައި އިޖުރާއަތްތައް ފުރިހަމަ ކޮށްދީ، އެ އާއިލާއަށް މެހުމާންދާރީ ދީފައި ވަނީ ވެސް ރެބެކާއެވެ.
A first snowfall for Eritrean children new to Canada.#NewcomersWelcome#WelcomeToCanada#RefugeesWelcome#privatesponsorship#BVORpic.twitter.com/XaWTDGAxfg
— Rebecca Davies (@RebsD)November 10, 2018
ރެބެކާ ޑޭވީސް، މި ވީޑިޔޯ އިންޓަނެޓުގައި ހިއްސާ ކުރުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ލޯތްބާ އެކު އެ ވީޑިޔޯ ބަލަމުން އެމީސްމީހުންގެ ވެބްސައިޓުތަކާއި އިންޓަނެޓު ސަފްހާތަކުގައި އެ ވީޑިޔޯ ހިއްސާ ކުރަމުންނެވެ.
ވަޔާ އެކު އަންނަމުން ދިޔަ ސުނޯގެ އެތިއެތިކޮޅުތަކުން އެރިތުރިޔާގެ ދެ ކުއްޖަކަށް ލިބެމުން ދިޔަ އުފާ ފެނިގެން ދާ މި ވީޑިޔޯއަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ސަމާލުކަން ވެސް ވަނީ ލިބިފައެވެ. ޓްރޫޑޯ ވަނީ ރެބެކާއަށް ޝުކުރު އަދާ ކުރައްވައި ޓުވީޓެއް ކުރައްވައިފައެވެ.
Amazing - now convince them that shoveling is fun and you're all set. Thank you for everything you do, Rebecca.#WelcomeToCanadahttps://t.co/MBnw88JYtT
— Justin Trudeau (@JustinTrudeau)November 12, 2018
ޖަސްޓިން ޓްރޫޑޯގެ ބޮޑުވަޒީރުކަމުގައި ކެނެޑާއިން އަންނަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގެ ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަމާއި އެހީތެރިކަން ފޯރުވައި ދެމުންނެވެ.