27 Sep 2011, 13:00
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ޗެއާޕާސަނަކަށް ހުރި މީހަކު ކ. ގުރައިދޫގައި ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީ، ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގަން އުޅުމުގެ ތުހުމުގައި ފުލުހުން ހައްޔަރުކޮށްފި އެވެ. އޭނާއާއެކު އިތުރު ތިން މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މިދިއަ އާދިއްތަ ދުވަހުގެ ރޭ ހަތަރު މީހަކު ގުރައިދޫން ހައްޔަރު ކުރީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީގެން ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ކުޑަކުއްޖަކު ނުހިމެނޭ ކަމަށް ވެސް ބުންޏެވެ.
ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން އެކަކީ ގުރައިދޫ ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓް އޮފިސަރެވެ. އޭނާއަކީ މަސްތުވާތަކެއްވާ ދެކޮޅަށް ހަރަކާތެރިވާ ޖަމިއްޔާ، ޝެއާ ސޮސައިޓީގެ ޗެއާ ޕާސަން އަދި ފައުންޑާ މެންބަރެވެ. މީގެ އިތުރުން އޭނާއަކީ އެރަށުގެ އެމްޑީޕީގެ އިސް ހަރަކާތްތެރިއެކެވެ. ދެން ހައްޔަރު ކުރި ތިން މީހުންނާ ބެހޭ މައުލޫމާތު ސާފެއް ނުވެއެވެ.
ނަން ނުޖެހުމަށް އެދުނު، ގުރައިދޫ މީހަކު ބުނީ ތުހުމަތަށް ހައްޔަރު ކުރި މީހުން އަންހެން ކުއްޖާ އާ ގަދަކަމުން ބެހެން މަސައްކަތް ކޮށްފައި ވަނީ މަސްތުވާތަކެތީ ދިނުމަށް ފަހު އެ ރަށުގެ ވަލަށް ގެންގޮސްގެން ކަމަށް ބުނާ ކަމަށެވެ. އަދި އަންހެންކުއްޖާ އެ ވާހަކަ އާއިލާއަށް އެންގީ އެމީހުންގެ ކިބައިން ކޮންމެ ވެސް ގޮތަކުން ސަލާމަތްވެ، ގެއަށް ގޮސް ކަމަށް ވެސް އެ މީހާ ބުންޏެވެ.
ކުށުގެ އިސްލާހު:
"ކުޑަކުއްޖަކާ ބެހިގެން ޖަލަށްލި މީހަކާއި މަސްތުވާތަކެއްޗާ ދެކޮޅު ޖަމިއްޔާއެއްގެ ޗެއާޕާސަން ކުޑަކުއްޖަކާ ބެހެން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފި" މި ސުރުހީގެ ދަށުން މަތީގައި ލިޔެފައިވާ ހަބަރުގައި ގުރައިދޫން ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ކުޑަކުއްޖަކާ ބެހިގެން ޖަލު ހުކުމެއް ތަންްފީޒު ކުރި މީހަކު ހިމެނޭ ކަމަށް ލިޔެފައި ވަނީ ގުރައިދޫން މައުލުމާތު ދިން ބައެއް ފަރާތްތަކުން އެ ގޮތަށް މައުލޫމާތު ދިނުމުންނެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި އެފަދަ ކުށެއްކޮށްގެން ކުރި އަދަބު ލިބިފައިވާ މީހަކު ނުހިމެނޭކަން ސަންއަށް ފަހުން ކަށަވަރުމުން ހަބަރުގައި ކުރިން ލިޔެވިފައިވާ ކުށަށް ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ.