މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލަން ބޭނުން ވަނީ އެފްއޭކަޕާއެކުގައި ކަމަށް ވީބީގެ ކޯޗް ޖޭން ވަންލީ ބުނެފިއެވެ.

ވަންލީ ބުނީ، މި ސީޒަންގެ ކުރީ ކޮޅުގައި ވީބީ އަދި ދެއްކި ކުޅުމާމެދު އެހާ ހިތް ހަމަ ނުޖެހުނު ނަމަވެސް ނިމިގެން ދިޔަ ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ. އަދި ބުނީ ކުރިއަށް އޮތް އެފްއޭކަޕަކީ ޓީމަށް މުހިންމު މުބާރާތެއް ކަމަށެވެ.
"ހުސްވި އަހަރުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވީގޮތް އަލުން ތަކުރާރު ވާކަށް ބޭނުމެއްނޫން. ބޭނުން ވަނީ މުބާރާތް ކާމިޔާބު ކުރަން. އުންމީދަކީ އެއީ. ޓީމް އޮތީ މުބާރާތަށް ފުރިހަމައަށް ތައްޔާރު ވެގެން. އަހަރެން ވަރަށް މަސައްކަތް ކުރާނަން މުބާރާތް ޓީމަށް ކާމިޔާބު ކޮށްދިނުމަށް" ވަންލީ ބުންޏެވެ.

ވަންލީ ބުނީ، ނިމިގެން ދިޔަ ދިވެހި ލީގުގެ ފަހު މެޗުގައި ވިކްޓަރީއާ ދެކޮޅަަށް ކުޅެނިކޮށް، ޓީމްގެ އެންނަންބަރު ގޯލް ކީޕަރު އިމްރާނަށް ލިބުނު އަނިޔާ އަދި މުޅިން ރަނގަޅު ނުވިކަމުގައި ވިޔަސް، އެފްއޭކަޕަށް ޓީމް ނުކުންނައިރު ޓީމްގައި މާބޮޑު އަނިޔާގެ މައްސަލައެއް ނެތް ކަމަށެވެ. އަދި އިމްރާނަށް ލިބުނު އަނިޔާ އަކީ ސީރިއަސް އަނިޔާއެއް ނޫންކަމަށާއި ކުރިއަށް އޮތް 10 ދުވަސް ތެރޭގައި އިމްރާން ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ބުނެފައި ވާކަމަށެވެ.
"އިމްރާން ނެތް ތަންކޮޅު ޓީމަށް ދައްކާނެ. އެހެންނަމަވެސް ބަދަލު ކީޕަރު ދައްކަމުން އަންނަ ކުޅުން ވެސް ރަނަގަޅު. އިމްރާނަށް މިހާރު ވާނީ ރެސްޓު ދީފަ."ވަންލީ ބުންޏެވެ.

ވަންލީ ބުނީ، ވީބީއަށް ރީތި ނަމެއް ލިބުންއޮތީވެސް އެފްއޭކަޕް ކާމިޔާބު ކޮށްގެން ކަމަށް ވީއިރު، މުބާރާތުގައި ވީބީއާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމަކީ ވެސް މޮޅު ޓީމެއް ކަމަށެވެ.

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިވެހި ލީގު ކާމިޔާބުކުރި ވީބީ އަށް އެފްއޭ ކަޕް ހޯދިފައި ވަނީ 2008 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި ވީބީގެ ކޯޗުކަމާ ހަވާލުވި ވަންލީގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު އެ ކްލަބަށް ގެއްލުނު ތައްޓަކީ އެފްއޭ ކަޕެވެ.

މިދިޔަ އަހަރުވެސް އެފްއޭކަޕްގައި ވީބީއަށް ރަނގަޅު ކާމިޔާބީއެއް ނުލިބުނުއިރު، މުބާރާތުން ވީބީ ވަކިވާންޖެހުނީ ސެމީފައިނަލްގައި ވާދަވެރި ނއިުރޭޑިއަންޓާދެކޮޅަށް ކުޅެ، ބަލިވެގެން ނެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގެ މެޗުތައް ފަށާއިރު، މުބާރާތުގައި ވީބީ ކުޅެންޖެހޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ވިޔަންސާއާ ދެކޮޅަށެވެ. ފުރަތަމަ ކުއާޓާ ފައިނަލުގައި ބުރާސްފަތި ދުވަހުގެ ރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނާނީ އީގަލްސް އެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ތިން ވަނަ ކުއާޓާގައި ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާއިރު އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފަހު ކުއާޓާގައި ބައްދަލުކުރާ ދެޓީމަކީ ދެވަނަ ޑިވިޝަންގެ ކްލަބު ރިވަ ސައިޑާއި، މިފަހަރުގެ އެފްއޭކަޕް ތަށި މިލްކުކުރަން ނުކުންނ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.