ރައްޔިތުންގެ މަޖިލީހުގެ ހދ. ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ޖުމްހޫރީ ޕާޓީ (ޖޭޕީީ) އަށް ސޮއިކުރައްވައިފި އެވެ.

ޖޭޕީގެ ސްޕޯސް ޕާސަން އަލީ ސޯލިހު މިއަދު ސަން އަށް ވިދާޅުވީ، ކުރިން ޖޭޕީގެ ޓިކެޓެއްގައި މަޖިލީހަށް ހޮވުނު މެންބަރު ދުވަސްތަކެއް ވަންދެން އެ ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު އަލުން އެޕާޓީއާ ގުޅިވަޑައިގަތީ މިއަދު ކަމަށެވެ.

ޖޭޕީގެ ޓިކެޓްގައި މަޖިލިސް އަށް ހޮވިވަޑައިގަތުމަށް ފަހު، ފަހުން ޝަހުދީ ވަނީ ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އަދި އެފަހުން މަޖިލިސްގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި އަބްދުﷲ މަސީހް ގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމަށް ފަހު އޭނާ ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފައެވެ.

އޭގެ ފަހުން އޭނާ ހުންނެވީ މިނިވަން މެމްބަރެއްގެ ގޮތުގައި އެވެ. މަސީހު އިތުބާރު ނެތް ކަމުގެ މައްސަލާއިގައި ސޮއި ކުރެއްވައި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރޭގައި ޝަހުދީވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ ޝަހުދީއާއެކު އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފައެވެ.