އައްނަ ނޮވެންބަރު މަހުގެ އެކަކުން ނުވަޔަކަށް ފުވައްމުލަކުގައި ބާއްވަން އިއުލާނުކުރި، ކްރިކެޓް މުބާރާތުގައި ބައިވެރިވަނީ ސާކް ޤައުމުތަކުގެ 25 އަހަރުން ދަށުގެ ޓީމްތައް ކަމަށް ރާއްޖޭގެ ކްރިކެޓް ބޯޑުން ބުނެފިއެވެ.

ކްރިކެޓް ބޯޑްގެ ޑިވޮލޮޕްމަންޓް އޮފިސާ އިމާދު އިސްމާއީލް މިއަދު ވިދާޅުވީ، ސާކްގެ ޤައުމުތަކުގެ 19 އަހަރުން ދަށުގެ ޓީމްތައް ހިމެނޭގޮތަށް ކުރިން މުބާރާތް ބާއްވާނެ ކަމަށް އިއުލާން ކުރި ނަމަވެސް، މިހާރު މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ 25 އަހަރުން ދަށުގެ ޓީމްތައް ހިމަނައިގެން ކަމަށެވެ.
"މުބާރަތުގައި މިހާރު ބައިވެރިވަނީ 19 އަހަރުން ދަށުގެ ޓީމެއް ނޫން. މިހާރު ބައިވެރި ވަނީ 25 އަހަރުން ދަށުގެ ޓީމް. ބަދަލުކުރަން ޖެހުނު ސަބަބަކީ 2013 ގައި އޮންނަ ވޯލްޑް ކަޕްގައި 19 އަހަރުން ދަށުގެ ޓީމްތައް ބައިވެރިވާތީ. ބައެއް ޤައުމުތަކުން އެހެންވެ އަންގަނީ މުބާރާތުގައި ބައިވެރި ނުވާނެ ކަމަށް" އިމާދު ވިދާޅުވި އެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިޔާ، ސްރީލަންކާ، ބޫޓާން އަދި ނޭޕާލުން ބައިވެރިވާނެކަމުގެ ޔަގީންކަން މިހާރު ދީފައިވާ ކަމަށް ވެސް އިމާދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ހަދަމުންދާ ކްރިކެޓް ސްޓޭޑިއަމަކީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ޚަރަދުކޮށްގެން ހަދަމުންދާ ސްޓޭޑިއަމެކެވެ. މި ސްޓޭޑިއަމުގެ މަސައްކަތައް ބަޖެޓްކޮށްފައިވަނީ 2.8 މިލިޔަން ރުފިޔާކަމަށްވިޔަސް މި ފައިސާއިން ކުރަން ހުރި މަސައްކަތްތައް ނިއްމައިނުލެވޭނެކަން ފާހަގަކުރައްވަމުން އިމާދު ވިދާޅުވީ ސްޓޭޑިއަމްގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް އެކަނިވެސް މިލިޔަނަކަށްވުރެ ގިނައިން ހަރަދުވާނެ ކަމަށެވެ.

އިމާދު ވިދާޅުވީ، ކްރިކެޓް ދަނޑުގައި ވިނަ އިންދުމަށްޓަކައި ރާއްޖޭން ބޭރުން ކާޕެޓް ގްރާސް ގެންނަގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް ދަނޑުގައި ވިނަ އިންދަމުންދަނީ ފުވައްމުލަކާއި ހުވަދު އަތޮޅުން ކާޕެޓް ގްރާސް ހޯދައިގެން ކަމަށެވެ.
" ކާޕެޓް ގްރާސް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތީ ދަނޑުގެ މެދުން ފެށިގެން 30 ޔާޑުގެ ސަރަހައްދެއްގައި ކާޕެޓް ގްރާސް އިންދުމަށްފަހު ބާކީ ބައިގައި އިންދާނީ އެހެން ބާވަތެއްގެ ވިނައިން. ކާޕެޓް ގްރާސް ބޭރުން ގެނައުމުގެ ޚިޔާލު ދޫކޮށްލީ އެކަމަށް ހޭދަވާ ދުވަސް ގިނަކަމުން" އިމާދު ވިދާޅުވިއެވެ.

ފުވަމުލަކުގައި ހަދާ ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަން ފާހަގަކުރައްވަމުން އިމާދު ވިދާޅުވީ އަންނަ މަހުގެ 20، 25 ހިސާބުގައި މަސައްކަތް މުޅިން ނިއްމައިލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.