އަންނަ އަހަރު ރާއްޖެއަށް އެންމެ ބޮޑު އެހީއެއް ދޭނީ ސައުދީ އަރަބިއްޔާ އިން ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވި ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ރަހުމަތްތެރި ގައުމުތަކުން އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އޭގެ ތެރެއިން 169 މިލިއަން ރުފިޔާ އަކީ ސައުދީގެ ހިލޭ އެހީއެވެ.

ލޯނުއެހީގެ ގޮތުގައި ވެސް ރަހުމަތްތެރި ގައުމުތަކުން އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. ލޯނުގެ ގޮތުގައި ވެސް އެންމެ ބޮޑު އަދަދެއް ދޭނީ ސައުދީ އިން ކަމަށް ބަޖެޓު ފޮތުގައި ހިމަނައިފައިވެއެވެ. ސައުދީން މިއަންނަ އަހަރު ލޯނު އެހީގެ ގޮތުގައި ވެސް 613 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައިވެއެވެ.

ސައުދީ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި މިހާރުވެސް ދަނީ ގިނަގުނަ ޕްރޮޖެކްޓުތަކެއް ހިންގަމުންނެވެ. އެގޮތުން މާލޭ އިރުމަތީ ފަރާތުގައި ބިނާކުރާ ކިންގް ސަލްމާން މިސްކިތް ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ސައުދީގެ އެހީގައި ދަނީ މިސްކިތްތައްވެސް ބިނާ ކުރަމުންނެވެ.