14 Nov 2018, 14:24
ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައިޖީއެމްއެޗް ކައިރީގައި ހަދަން ފެށި ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތުގެ 95 ޕަސެންޓް މަސައްކަތް ނިންމައިލައިފި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދަރުވަމަންތަ ހޮސްޕިޓަލް ކުރިން ނިންމަން އޮތް ތާރީހަށް ވުރެ އެ މަސައްކަތް ލަސްވެފައިވާ ކަަމަށެވެެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދަނީ--- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
"އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ކޮންސްޓަރަކްޝަން މަސައްކަތްކުރައްވާ ބޭފުޅުންނާއި މެޑިކަލް އިކުއިޕްމަންޓް ސަޕްލައި ކުރައްވާ ބޭފުޅުން މައުލޫމާތު ދެއްވި ގޮތުގައި މިހާރު 95 އިންސަންތަ މަސައްކަތް މިހާރު މިހުރީ ނިމިފައި. އިރާދަކުރެއްވިއްޔާ އެބޭފުޅުން ދެއްވާފައި އޮތް ތާވަލާއެއްގޮތަށް ކަންތައްކުރިއަށްދާ ނަމަ ފެބްރުއަރީ މަހުގެ ތެރޭގައި ފުލް ފްލެޖް ހޮސްޕިޓަލެއްގެ ގޮތުގައި މިތަނުން ހިދުމަތް ލިބިގެންދާނެ." ނާޒިމް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދަނީ--- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
އެ ހޮސްޕިޓަލުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިމިފައިވާ އިރު، މިހާރު ކުރިއަށް ދަނީ އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްތަކާއި އަދި ފަރުނީޗަރުތައް ބެހެއްޓުމުގެ މަސައްކަތެެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ 500 އެނދުގެ ހޮސްޕިޓަލަކެވެ. އެ އިމާރާތަށް ދައުލަތުގެ ބަޖެޓުން 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދަނީ--- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް އެ ހޮސްޕިޓަލަށް ބޭންވާ މެޝިނަރީސް ހޯދުމަށް ބަޖެޓްގައި 818 މިލިއަން ރުފިޔާ ހިމަނައިފި އެވެ.