14 Nov 2018, 13:29
އދ. މާމިގިލީ ކައިރީގައި އޮންނަ ފަޅު ރަށް، އަރިޔަދޫ ދަނޑުވެރިކަން ކުރުމަށް، ވަރުވާ އަށް ބަޔަކަށް 10 އަހަރަށް ކުއްޔަށްދީފި އެވެ.
ފިޝަރީޒް އެގްރިކަލްޗާ މިނިސްޓްރީގެ އޮފިޝަލު މިއަދު ސަން އަށް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ދަނޑުވެރިކަން ކުރުމަށް އަހަރަކު ތިން މިލިއަން ރުފިޔާ އަށް، 29 ހެކްޓަރުގެ އެ ރަށް ކުއްޔަށްދިނީ ޓޫރިޒަމް ކުންފުނި، ކެޕިޓަލް ޓްރެވަލް އެންޑް ޓްވާސް ޔޫސުފު ރިފުއަތުގެ އެމްޕްލޯއީމަންޓް ބިއުރޯ މޯލްޑިވަސް އަށެވެ.
ރިފުއަތު މިއަދު ސަން އަށް ވިދާޅުވީ އެ ރަށަށް މިދިޔަ ހަފުތާގައި ކުލި ދައްކާފައިވާ ކަމަށާއި އެ ރަށުގެ ބޭނުން އަތޮޅާއި އެ ރަށާ ކައިރީގައިވާ ރަށްތަކުގެ މީހުންނަށް ފައިދާ ކުރަނިވި މަސައްކަތެއް ކުރެއްވުމުގެ ޝައުގުވެރިކަން ހުރި ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ކުންފުންޏަށް އެ ރަށް ވަރުވާއަށް، ދަނޑުވެރިކަން ކުރުމަށް ހަވާލުކުރީ މިދިޔަ މަހު 28 ގަ އެވެ. އަދި އެމްޕްލޯއީމަންޓް ބިއުރޯ މޯލްޑިވްސް އިން ވަނީ މި އަހަރުގެ ބާކީ ދެ މަހަށްވާ ކުލި ދައްކައިފަ އެވެ.
މި އަހަރުގެ ކުރީ ކޮޅު އެެރަށް ވަރުވާ އަށް ކުއްޔަށް ދިނުމަށް ބޭއްވި ޕްރީ ބިޑް މީޓިންގައި އެގްރިކަލްޗާ މިނިސްޓްރީ އިން ބުނީ އެ ރަށް ދޫކުރާނީ ވަގުތީ ގޮތުން ކަމަށާއި ކުރެވޭނެ މަސައްކަތަކިީ ދަނޑުވެރިކަން ކަމަށެވެ. އަދި ބުނީ އެ ރަށަކީ މުސްތަގުބަލުގައި ސަރުކާރުން އެހެން ބޭނުމެއް ކުރުމުގެ ވިސްނުން ގެންގުޅޭ ރަށެއް ކަމަށާއި 10 އަހަރަށް ރަށް ބަލަހައްޓަން ބަޔަކާ ހަވާލު ކުރިއަސް ކުރު ނޯޓިސް އެއް ދިނުމަށް ފަހު ރަށް ވަކި ކުރުމުގެ ފުރުސަތު ސަރުކާރަށް އޮތް ކަމަށެވެ.