27 Sep 2011, 10:46
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި އަދާލަތު ޕާޓީ، އެމްޑީޕީ ކޯލިޝަނުން ވަކިވުމަކީ އިއްތިފާގެއް ކަމަށް އަދާލަތުން ބުނެފި އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ޕީޕީއެމް އުފެއްދުމަށް މަސައްކަތްކުރާ ދަނޑިވަޅުގައި އަދާލަތު ޕާޓީ އެމްޑީޕީ ކޯލިޝަނުން ވަކިވީ އެކަމާ ގުޅުވައިގެން ނޫން ކަމަށައި އެކަމަކު އެއީ އިއްތިފާގެއް ކަމަށެވެ.
އެމްޑީޕީގެ ކޯލިޝަނުން އަދާލަތު ވަކިވީ، ޕީޕީއެމްއާ އާދާލަތު ގުޅޭ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ. އަދާލަތުން ޕީޕީއެމާއި ގުޅޭނެތޯ ސުވާލު ކުރުމުން ޝައިހް އިމްރާން ވިދާޅުވީ އަދި އެއްވެސް ޕާޓިއަކާއި ގުޅުމަށް ވެސް ނުވަތަ ނުގުޅި ތިބުމަށް ވެސް އަދާލަތުން ވިސްނާފައި ނުވާ ކަމަށެވެ.
~
"އަޅުގަނޑުމެން، ވެރިކަން ކުރާ އެމްޑީޕީގެ ކޯލިޝަނުން ވަކިވާން ނިންމިއަކީ އެއްގޮތަކަށްވެސް ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަކަށް ނޫން. ކޯލިޝަން ހަދާނެކަން ވެސް ނުވަތަ ނޫންކަންވެސް އެގޭނީ މަޝްވަރާ މަޖިލިހުން ނިންމާ ގޮތެއްގެ މަތިން. އަދި މިހާތަނަށް އެއްވެސް ޕާޓީއަކާއި ކޯލިޝަން ހަދަން ވިސްނާފައެއް ނުވޭ" ޝައިހް އިމްރާން ވިދާޅުވި އެވެ.
ދެހާސް ތޭރަ ވަނަ އަހަރު އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ރައީސްކަމަށް ކުރިމަތި ލައްވާނެ ކެނޑިޑޭޓަކު ނެރޭނެތޯ ސަން އޮންލައިނުން ސުވާލު ކުރުމުން އިމްރާން ވިދާޅުވީ އެކަން ނިންމަވާނީ ވެސް މަޝްވަރާ މަޖިލިހުން ކަމަށެވެ. ކެނޑިޑޭޓަކު ނުނެރޭނަމަ ވަރުގަދަ ބަޔަކާ އެކު ކޯލިޝަން ހެދުމަކީ ވަރަށް ގާތް ކަމެއްކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ކޯލިޝަން އުވައިލި ގަރާރު އިއްވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ ކޯލިޝަން އުވައިލަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި ސަރުކާރުން އިސްލާމް ދީނަށް އިޚުލާސް ތެރިކަން ކުޑަވުމާއި ގައުމުގެ އިސްތިޤްލާލާއި ސިޔާދަތަށް އިޙުތިރާމް ނުކޮށް ރައްޔިތުންގެ ދިރި އުޅުމުގެ ޙާލަތު ދުވަހުން ދުވަހަށް ދަށަށްގޮސް ގައުމުގެ އެންމެހައި ކަންތައްތައް ބޮއްސުންލައި އިސްލާޙަށް ވޯޓު ދެއްވި ދިވެހި ރައްޔިތުން މާޔޫސް ވާންޖެހޭ ކަންތައް ދިމާވުމުން ހިމެނޭ ކަމަށެވެ.
އަދާލަތުން މި ގޮތަށް ވާހަކަ ދައްކާފައިވާއިރު ސަރުކާރުގެ ކޯލިޝަނުން އެ ޕާޓީ ވަކިވުމާއި ގުޅިގެން ޕީޕ.އެމުން ވަނީ މަރުހަބާ ކިޔައި ބަޔާނެއް އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނަނީ އަދާލަތު ޕާޓީން ނިންމި ނިންމުމަކީ އިސްލާމް ދީނަށާއި ރާއްޖޭގެ އެންމެ މަތީ، ޤައުމީ މަޞްލަހަތަށްޓަކައި ނިންމި ހިތްވަރުގަދަ ނިންމުމެއް ކަމަށް ދެކޭ ކަމަށެވެ.
އަދާލަތުން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ ޖޫން 30، 2009ގަ އެވެ. ދެ ޕާޓީގެ ކޯލިޝަން އެއްބަސްވުމުގައި ބުނަނީ އެއީ މިހިނގާ ރިޔާސީ ދައުރުގައި ހިނގަމުންދާ ސަރުކާރު، ދެ ޕާޓީން ގުޅިގެން ހިންގައި ކުރިޔަށް އޮތް އިންތިހާބުތަކުގައި ދެ ޕާޓީ ބައިވެރިވެ އެއްޕާޓީ އަނެއް ޕާޓީއަށް އެހީތެރިވެދީ އިންތިހާބުގެތަކުގެ ކަންކަން ކުރިޔަށް ގެންދަން އެއްބަސްވާ ހަ މާއްދާގެ މުއާހަދާއެއް ކަމަށެވެ. އަދާލަތު އެމްޑީޕީއާ ވަކިވިއިރު ސަރުކާރުގައި އަދާލަތު ތަމްސީލު ކުރައްވާ މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރަކު އެބަތިއްބެވި އެވެ. އެއީ މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބުދުލް ބާރީ އާއީ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދެވެ.