އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ތައްޔާރުކުރީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ނޫން ކަމަށާއި ބަޖެޓު އެކުލަވާލާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޕޮލިސީތައް ހިމަނައިގެންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ބަޖެޓުގެ ބަހުސު މަރުހަލާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތައް ބަޖެޓުގައި ހިމެނުމަށް ފުރުސަތު އިންތިހާބީ ރައީސް އަށް ދެއްވި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ނިމިގެންދާއިރު ސަރުކާރުގެ ދަރަނި އޮތީ ސީދާ ކިހާވަރަކަށް ކަމަށް ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެހީ ކުޑަކަމުގެ ޝަކުވާ އަކީ އަބަދު ވެސް އިވޭ އަޑެއް ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް ބަޖެޓުގައި ހިމަނާފައި ނުވި ނަމަވެސް އާ ސަރުކާރުގެ ފަރާތުން އެކަން އިސްލާހު ކުރާނެ ކަމަށެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ އާލާތްތައް ސަރުކާރުގެ ހަރަދުގައި ފޯރުކޮށްދީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ބޮޑުކުރުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުމަށް ރޮޒައިނާ ހުށަހެޅުއްވި އެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް އެކަށީގެންވާ ބަޖެޓެއް ދީފައިނުވާ ކަމަށާއި އެ އޮތޯރިޓީގެ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރުުމަށް ފަހު، ގާނޫނުން ލާޒިމުކުރާ މަސައްކަތް ކުރުމަށް އެކަށީގެންވާ ބަޖެޓެއް އެ އޮތީރިޓީ އަށް ދިނުމަށް ވެސް ރޮޒައިނާ ގޮވާލެއްވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން މީދޫ ދާއިރާ އަށް އެކަށިގެންވާ ކަމެއް ކޮށްދީފައިނުވާ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރަހިމް ޝަރީފް ވިދާޅުވި މީގެ ކުރިން މަރަދޫ ދާއިރާ އަށް އެއްވެސް ކަމެއް ސަރުކާރުން ކޮށްދީފައި ނުވާ ކަމަށެވެ.

ޝަރީފް ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ވަސީލަތްތައް ތަރައްގީކޮށް އައްޑޫސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ހުވަދު އަތޮޅުގައި ރިސޯޓުތައް ތަރައްގީކޮށް ފަތުުރުވެރިން އިތުރު ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.