ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އެންޕީއެޗްޑީ އިން ހުޅުމާލޭގައި ތަރައްގީ ކުރާ ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސް އަކުއާ ވީޓާ ރެސިޑެންސްގެ ޑިޒައިން އިފްތިތާހުކޮށްފި އެވެ.

އިއްޔެ އަކުއާ ވީޓާ ރެސިޑެންސްގެ ޑިޒައިން އިފްތިތާހުކުރުމަށް އާޓް ގެލެރީގައި ބޭއްވި ހަފްލާގައި އެ ޑިޒައިން އާންމުކޮށް ދައްކާލެއްވީ އެންޕީއެޗްޑީ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު ޕްރަސާން ލިއަނަގޭ އެވެ.

ކޮންމެ ފަންގިފިލާއެއްގައި އަށް އެޕާޓްމަންޓް ހިމެނޭ ގޮތަށް ތައްޔާރުކުރާ އެ ރެސިޑެންސް އިމާރާތުގެ އުސް މިނަކީ 14 ބުރި އެވެ. ޖުމްލަ 104 އެޕާޓްމަންޓް އެ ރެސިޑެންސްގައި ހިމެނޭނެ އެވެ.

ރެސިޑެންސްގެ ކޮންމެ ފަންގިފިލާއެއްގައި އަށް އެޕާޓްމަންޓް ހިމެނޭއިރު ފަންގިފިލާއެއްގައި ހިމެނޭނީ ތިން ކޮޓަރީގެ އެޕާޓްމަންޓް އާއި ހަތަރު ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް ހިމެނެ އެވެ.

އަކުއާ ވީޓާގައި ސުވިމިން ޕޫލާއި، އެންމެ ޒަމާނީ ޖިމްއަކާއި ކްލަބް ހައުސްއެއްގެ އިތުރުން، ޕާޓީ ހޯލެއް ވެސް ހިމެނެ އެވެ.