14:30


މިދިޔަ ޖެނުއަރީ މަހު ހައިޓީ އަށް ބާރުގަދަ ބިންހެލުމާ ގުޅިގެން އެގައުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ދިނުމަށް ގައުމުތަކުން ވީ ވައުދު ހަނދާން ނައްތާނުލުމަށް ހައިޓީގެ ރައީސް ރެނޭ ޕްރެވާލް ގޮވާލައްވައިފި އެވެ.


ޑޮމިނިކަން ރިޕަބްލިކްގައި އޮތް ޑޮނަރސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޕްރެވާލް ވިދާޅުވީ ބިންހެލުމަށް ފަހު ގައުމު އަލުން އާރާސްތުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި ގައުމު އަލުން އާރާސްތުކުރުމަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހެން ގައުމުތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އެހެންކަމުން ހައިޓީއަށް އެހީ ފޯރުކޮށްދިނުމަށް ޔޫރަޕާއި އެމެރިކާ ސަރަހައްދުގެ ގައުމުތަކުން ވީ ވައުދު ހަނދާން އެގައުމުތަކުން ހަނދާން ނައްތާނުލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޕްރެވާލް ވިދާޅުވި އެވެ.


އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި ބިންހެލުމުގައި ހައިޓީއަށް ލިބުނު ގެއްލުން ފޫބައްދައި ގައުމު އަލުން އާރާސްތުކުރުމަށް ގާތްގަނޑަކަށް 11.5 ބިލިއަން ޑޮލަރު ބޭނުންވެ އެވެ. އެހެން ނަމަވެސް ބްރެޒިލް ފިޔަވައި އެހެން އެއްވެސް ގައުމަކުން ދޭން ބުނި އެހީގެ ފުރިހަމަ ޕެކޭޖް ލިބިފައިނުވާ ކަމަށް ހައިޓީގެ ސަރުކާރުން ބުނެ އެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މާޗްމަހު އެމެރިކާގެ ނިއުޔޯކްގައި ބޭއްވި ޑޮނަރސް ކޮންފަރެންސްގައި ހައިޓީ އަށް 5.3 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ގައުމުތަކުން އެއްބަސްވެފައިވެ އެވެ. އެހެން ނަމަވެސް މީގެ ތެރޭން މިހާތަނަށް ހައިޓީއަށް ލިބިފައިވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށް ހައިޓީ ސަރުކާރުން ދަނީ ބުނަމުންނެވެ.