ކޮލަމްބޯ (ނޮވެމްބަރު 14): ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެ ގައުމުގެ ޕީޕަލަސް ލިބަރޭޝަން ޕާޓީ (ޖޭވީޕީ) އިން ހުށަހަޅައިފި އެވެ.

ޖޭވީޕީގެ މަޖިލިސް މެމްބަރު ވިޖިތާ ހީރަތު ވިދާޅުވި ގޮތުގައި އެޕާޓީން ވަނީ މިއަދު އެމައްސަލަ މަޖިލީހުގެ ރައީސް ކަރޫ ޖާޔަސޫރިޔާއަށް ހުށަހަޅައިފަ އެވެ.

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ މިދިޔަ މަހުގެ 26ގައި ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރުކުރައްވައި އެމަގާމަށް ރާޖަޕަކްސަ އައްޔަން ކުރައްވައިފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ސިރިސޭނާ ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑު ކުރައްވައިފަ އެވެ.

ނަމަވެސް އިއްޔެ ލަންކާގެ ސުޕްރީމް ކޯޓުން ވަނީ މަޖިލިސް އުވާލުން ބާތިލުކޮށްފަ އެވެ. އޭގެ ސަބަބުން އިއްޔެ ސިރިސޭނާ ވަނީ މިއަދު މަޖިލިސް ބައްދަލުވުމެއް ބޭއްވުމަށް އަންގަވާފައި ކަމަށް ވިކްރަމަސިންހަ ވިދާޅުވި އެވެ. އަދި މަޖިލީހުގެ ތާއިދު އޮތީ ވިކްރަމަސިންހައަށްކަން މިއަދު ސާބިތު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ލަންކާގެ އިލެކްޝަން ކޮމިޝަނުން ވަނީ އަވަސް އާއްމު އިންތިހާބެއް ބޭއްވުމުގެ ތައްޔާރީތައް ހުއްޓުވައިފަ އެވެ.