14 Nov 2018, 09:28
ވޮޝިންޓަން (ނޮވެމްބަރު 14) : ސައޫދީ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގަރާރެއް އެމެރިކާގެ ކޮންގްރެސްއިން ވަރަށް އަވަހަށް ފާސްކުރާނެ ކަމަށާއި އެކަން ވަރަށް ބާރަށް ކުރިޔަށްދާކަމަށް ކޮންގްރެސްގެ ބައެއް ސީނިޔަރ މެންބަރުން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކޮންގްރެސްގެ މަތިގެކަމަށްވާ ސެނެޓްގެ ޚާރިޖީ ގުޅުންތަކާބެހޭ ސަބްކޮމިޓީގެ ވެރިޔާ ބޮބް ކޯކަރ ވިދާޅުވީ ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ ވަރަށް ލާއިންސާނީ ގޮތަކަށް އަވަހާރަކޮށްލައި އޭނާގެ ހަށިގަނޑު ކޮށައި ކުދިކޮށް އެސިޑަށް ލި މައްސަލައިގައާއި ޔަމަންގެ އާންމުންނާ ދެކޮޅަށް ސައޫދީ ސިފައިން ހިންގާ ޖަރީމާތަކަށް އެމެރިކާ ސަރުކާރުން އަދަބު ނުދިންނަމަވެސް ކޮންގްރެސްއިން އަދަބު ދިނުމުގެ ވަގުތު އައިސްފި ކަމުގައެވެ. ސައޫދީ އަށް އަދަބު ދިނުމަށްޓަކައި ކުރިޔަށްއޮތް ދެތިން ހަފްތާތެރޭގައި ގިނަ ގާނޫނުތަކެއް ސެނެޓުން ފާސްކުރާނެކަމަށް ކޯކަރ ވިދާޅުވިއެވެ.
ކޮންގްރެސްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސާ ނެންސީ ޕެލޫސީ ވިދާޅުވީ މިޑްޓާމް އިންތިޚާބާއެކު ކޮންގްރެސްގެ ތަނަވަސް އަޣްލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ލިބިއްޖެ ކަމަށާ އެހެންކަމުން ސައޫދީ އަށް އަދަބު ދިނުމަށްޓަކައި ގިނަ ގާނޫނުތަކެއް ފާސްކުރަން ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ ގިނަ މެންބަރުން ބޭނުންވާކަމުގައެވެ.
ސައޫދީ އިސްވެ އޮވެގެން ޔަމަނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގެ ޔަމަންގެ އާންމުންގެ 15 ހާހަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު 40 ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެ ޔަމަންގެ އެތައް މިލިޔަންބަޔަކު ހައިހޫނުކަން ތަހައްމަލް ކުރަންޖެހިފައިވާކަން ޕެލޫސީ ފާހަގަ ކުރެއްވިއެވެ.
ޔަމަންގެ ހަނގުރާމައަކީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި ހިނގާ އެންމެ ލާއިންސާނީ އަދި އެންމެ އަނިޔާވެރި ހަނގުރާމަކަމަށްވެސް ނެންސީ ޕެލޫސީ ވިދާޅުވިއެވެ. ޔަމަންގެ ހަނގުރާމައިގެ އަނިޔާވެރިކަމުގެ ވާހަކަ އެމެރިކާއިން ދައްކާއިރު ސައޫދީން ޔަމަނަށް ބޮން އަޅައި ޔަމަންގެ އާންމުން މެރުމުގެ ޖަރީމާތައް ހިންގަނީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން އެމެރިކާގެ ފަންނީ އަދި ޖާސޫސީ އެހީތެރިކަމުގައެވެ.
އަދި ސައޫދީ އެކޭ އެއްގޮތަށް މެދުއިރުމަތީގައި އަނިޔާވެރި އަމަލުތައް ހިންގަމުން ގެންދާ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެމެރިކާ ގެންދަނީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ މީހުންމެރުމުގެ ޖަރީމާތަކަށް ހިއްވަރުދީ އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ހިމާޔަތްކޮށް ދިފާއު ކުރަމުންނެވެ. މިދިޔަ ހޯމަދުވަހު އިސްރާއީލުން ޣައްޒާއަށް ދިން އުދުވާނީ ހަމަލާތަކުގައިވެސް ފަލަސްތީނުގެ އެތަށް ބަޔަކު ޝަހީދުކޮށްލާފައިވާއިރު އެމެރިކާ ވަނީ އިސްރާއީލުގެ އުދުވާންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.
އެމެރިކާގެ ހަތިޔާރުގެ 5 ބައިކުޅަ އެއްބައި ގަންނަ ގައުމަކީ ސައޫދީ ކަމަށްވާއިރު ސައޫދީ ގެ އަނިޔާވެރިކަން ކިތަންމެ ބޮޑުވެފައި ޔަމަންގައި ސައޫދީ ހިންގާ ގަތުލުއާންމުތައް ކިތަންމެ ގިނަނަމަވެސް ސައޫދީ އާ ދެކޮޅަށް މާހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާއަށް ނުކެރޭނެކަމަށް ތަޖްރިބާކާރުން ދެކެއެވެ.
(ރޮއިޓާސް + ނޫސްއެޖެންސީތައް)