އަދާލަތު ޕާޓީ އިން އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން އުވާލައި ސަރުކާރާ ވަކިވާން ނިންމެވި ނިންމި ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ނަމަވެސް ވަކިވާން ފާހަގަކޮށްފައިވާ 28 ސަބަބަކީ ސިޔާސީ ގޮތުން ދައްކާފައިވާ ސަބަބުތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ އަދާލާތު ޕާޓީގެ އެ ނިންމުކަކީ ޕާޓީގެ ނިންމުމެއް ކަމަށް ބަލައި ނުގެނެވޭ ކަމަށާއި 6000 އަށް ވުރެ ގިނަ މެންބަރުން ހިމެނޭ ޕާޓީއެއްގެ ގުނަވަނަކުން ކަމެއް ނިންމުމަކީ އަދި ޕާޓީގެ ނިންމުމަށް ނުވާނެ ކަމަށެވެ.
~
"އެ ބޭފުޅުންގެ މަޝްވަރާ މަޖިލީހުގެ ނިންމުމެއް އެއީ. ޕާޓީގެ ނިންމުމެއް ކަމަށްކަށް އަދި ނުވާނެ. އަދި އެގޮތަށް ނިންމެވި ނަމަވެސް ސަރުކާރަކަށް އަދި އެމްޑީޕީއަކަށް އެކަމުގެ ސިޓީއެއް ނުލިބޭ. ރައީސަކަށް ވެސް އަދި ސިޓީ ފޮނުއްވާފައެއް ނުވޭ... އަދާލަތުގެ ގުނަވަނަކުން ކަމެއް ނިންމީމާ އެ ނިންމުމަކާ މެދު އަމަލު ކުރާނެ ގޮތެއް އެޕާޓީގެ ތެރޭގައި ވެސް އޮންނާނެ،" ޒުހައިރު ވިދާޅުވި އެވެ. "ދެން އެބޭފުޅުން ވަކިވުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަމަކު ވާކިވާން އެ ފަހާގަ ކުރައްވާފައިވާ ކަންކަމަކީ ސިޔާސީ ވާހަކަތަކެއް، އެކަމަކާ އަޅުގަނޑުމެންގެ ހާސް ކަމެއް ނެތް،"

އާދަލާތު ޕާޓީން ބުނީ މިހާރު އެ ޕާޓީ ސަރުކާރާ ވަކިވެފައިވާ ކަމަށާއި ޢަދާލަތު ޕާޓީ ތަމްސީލުކުރާ އެއްވެސް ސިޔާސީ ފަރާތެއް ދިވެހި ސަރުކާރުގެ އެއްވެސް ސިޔާސީ މަޤާމެއްގައި މިހާރަކު ނުހުންނާ ކަމަށެވެ. ދިވެހި ސަރުކާރާއި ޢަދާލަތު ޕާޓީގެ ނަމުގައި ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް މިއަދު ރަސްމީކޮށް އެކަން އަންގާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިވަގުތު ސަރުކާރުގެ އިސް މަގާމަގާމުގެ ތެރޭގައި އަދާލަތުޕާޓީގެ އިސް ދެ ބޭފުޅުންކަމުގައިވާ އިސްލާމިކް މިނސްޓަރު ޑރ. އަބުދުލް މަޖީދު އަބުދުލްބާރީގެ އިތުރުން އެޕާޓީގެ ކުރީގެ ރައީސް އައްޝައިހް ހުސައިން ރަޝީދު އަހުމަދު ހިމެނެ އެވެ.

ޒުހައިރު ވިދާޅުވީ އާދަލާތު ޕާޓީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށާއި ހާއްސަކޮށް އަދާލަތުގެ ގިނަ ބޭފުޅުންނަކީ އެކި ގައުމުތަކުން ދީނީ ތައުލީމު ހާސިލު ކުރައްވައި ތަގުވާވެރިކަމުގެ މަތީގައި ތިއްބެވި ބޭފުޅުން ކަމަށާއި ހިޔާލު ތަފާތުވެގެން އެހެން ދައްކަވާ ސަބަބުތަކަކީ ސަރުކާރަށް މާ ބޮޑު މައްސަލައެއް ނޫން ކަމަށާއި އެކަމަކު އެއީ އާދަލާތުގެ ތެރޭގައި ޑިމޮކްރަސީ އޮތްކަން ދައްކައިދޭ ކަމެއް ކަމަށެވެ.

"މިދެން ސިޔާސީ ކަންކަން، ހުންނަނަ ގޮތް. އެބޭފުޅުން ވެސް ސިޔާސީ ސަބަބުތަކެއް ދެއްކެވީ. އެކަމަކާ އަޅުގަނޑުމެން ސަރުކާރަކުން މާ ބޮޑު ކަންބޮޑުވުމެއް ނެތް،"
އަދާލަތުޕާޓީ އާއި އެމްޑީޕީން 30 ޖޫން 2009 ގައި ވެފައިވާ ކޯލިޝަން އުވާލުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ސިއްރު ވޯޓު ނަގައި ފާސް ކުރީ ރޭގަ އެވެ. އެބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް 34 މެންބަރުންގެ ތެރެއިން 32 މެމްބަރުން ގެ ވޯޓު ދެއްވީ ކޯލިޝަން އުވާލަން ފާސް ކުރުމަށެވެ.
ކޯލިޝަން އުވާލި އެއްބަސްވުން އިއްވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބުދުﷲ ވިދާޅުވީ ކޯލިޝަން އުވާލުމަށް ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިސްލާމް ދީނަށް ސަރުކާރުގެ އިޚުލާސް ތެރިކަން ކުޑަވުމާއި ރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތަށް އިޙުތިރާމް ނުކުރުމާއި ރައްޔިތުންގެ ދިރި އުޅުމުގެ ދަށަށް ގޮސް ގައުމުގެ އެންމެހައި ކަންތައްތައް ބޮއްސުން ލައި އިސްލާޙަށް ވޯޓު ދިން ރައްޔިތުން މާޔޫސް ވާންޖެހޭ ކަންތައް ދިމާވުން ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އެކަންކަން އިސްލާޙު ކުރުމަށް ޢަދާލަތު ޕާޓީ އިން ސަރުކާރަށް ދިން އިޚުލާސްތެރި ލަފަޔާއި އިރުޝާދުތަކަށް އެއްވެސް އަޅައިލުމެއް ދީފައި ނުވާކަމަށެވެ.

އެކަމާ ބެހޭ ގޮތުން އެމްޑީޕީގެ ރައީސާއި ވަގުތީ ޗެއާ ޕާސަންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.