14 Nov 2018, 09:04
އިންޑިއާގެ ފުރަތަމަ ސްޕޭސް ފިލްމު، 'މިޝަން މަންގަލް' އަންނަ އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރަން ތާވަލް ކޮށްފިއެވެ.
ޖަގަން ޝަކްތީ ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމު ރިލީޒްކުރާ ތާރީހް ކުރީން އޮތީ ސިއްރުކޮށްފައެވެ. ނަމަވެސް އިއްޔެ އަކްޝޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ އޯގަސްޓު ފަނަރަ ވަނަ ދުވަހު ފިލްމު އަޅުވަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ އެ ފިލްމުގެ ކާސްޓުން ވެސް އިއުލާންކޮށްފައެވެ. އެގޮތުން "މިޝަން މަންގަލް" ގެ ލީޑު ރޯލުން އަކްޝޭ ކުމާރު ފެންނާނެ ކަމަށް އަންގާފައިވާއިރު، ކްރިތީ ކުޅާރީ، ތާޕްސީ ޕަންނޫ، ސޮނާކްޝީ ސިންހާ، ވިދްޔާ ބާލަން، ޝަރްމަން ޖޯޝީ އަދި ނިތިޔާ މެނަން ފަދަ ތަރިން ފެންނާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.
އިންޑިއަން ސްޕޭސް ރީސާޗް އޮގަނައިޒޭޝަނުން މާސް މިޝަން ލޯންޗުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހުއެވެ. 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އިންޑިއާ އިން ވަނީ މާސް އަށް ކާމިޔާބު ދަތުރެއް ކޮށްފައެވެ.
މިމަހުގެ ތެރޭގައި "މިޝަން މަންގަލް" ގެ ޝޫޓިން ފަށާނެ ކަމަށް ބެލެވޭ އިރު، އަކްޝޭގެ ތާވަލު އޮތީ މުޅިން ފުލްވެފައެވެ. ކުރިއަށް ވެސް އަކްޝޭގެ ތިން ފިލްމެއް އެބަ އޮތެވެ. އެއީ '2.0'، 'ގުޑް ނިއުސް' އަދި 'ކޭސަރީ' އެވެ.