14 Nov 2018, 09:01
ނީރަޖް ޕާޓަކް ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ބައްޔާޖީ ސުޕަހިޓް" މި މަހު 23 ގައި ރިލީޒްކުރާގޮތަށް ނިންމައިފިއެވެ.
މި ފިލްމު އެންމެ ކުރިން ރިލީޒްކުރަން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. ފަހުން މި ފިލްމު މި މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރަން ނިންމި ނަމަވެސް ފިލްމު ރިލީޒްކުރުން ވަނީ ތިން ވަނަ ފަހަރަށް ބަދަލުކޮށްފައެވެ.
ފިލްމުގެ މުހިއްމު ރޯލުތަކުން ސަނީ ޑިއޯލް، ޕްރިތީ ޒިންތާ، އަމީޝާ ޕަޓޭލް ފެނިގެންދާނެއެވެ.
މި ފިލްމަކީ ސަނީ ޑިއޯލްގެ ދެ ރޯލެއް ފެނިގެންދާނެ ފިލްމެކެވެ. އެ ރޯލާ ބެހޭގޮތުން ސަނީ ބުނީ ތަފާތު ރޯލެއް ކުޅެލަން ލިބުމުން އުފާވާކަމަށާއި އެންމެ ރަނގަޅު އެކްޓިން މި ފިލްމުގައި ދެއްކިފައިވާނެ ކަމަށެވެ.
މި ތަރީންގެ އިތުރުން ފިލްމުގައި އަރްޝަދް ވާސީ، ޝްރެޔަސް ތަލްޕަޑޭ ވެސް ފެނިގެންދާނެއެވެ.
"ބައްޔާޖީ ސުޕަހިޓް" އަކީ ވަރަށް ހާއްސަ ފިލްމެކެވެ. ސަބަބަކީ މި ފިލްމަކީ ފަސް އަހަރު ފަހުން ޕްރިތީ ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.