14 Nov 2018, 08:58
ކާމިޔާބު ބޮލީވުޑް އެކްޓްރެސް ކަންގަނާ ރަނާއަތު އޭނާގެ ކުރިޔަށް އޮތް ފިލްމު "ޕަންގާ" ގެ މަންޒަރުތައް ޝޫޓް ކުރަން ފަށައިފިއެވެ.
"ޕަންގާ" ގެ ސެޓަށް ކަންގަނާ ގުޅުނީ މި މަހުގެ އެގާރަވަނަ ދުވަހުއެވެ. ޝޫޓިން ފެށިކަން ޓްވިޓާ މެދުވެރިކޮށް ކަންގަނާ ހާމަކޮށްފައިވާއިރު އޭނާ އަންނަނީ ވަރަށް ބިޒީ ކޮށް މަންޒަރުތައް ނަގަމުންނެވެ.
އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓް ކުރާ އެ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ކަންގަނާ ވަނީ އޭނާގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން 10 ކިލޯ ބަރުވެސް ކޮށްފައެވެ.
"ޕަންގާ" ގައި ކަންގަނާ ފެންނާނީ އިންޓަނޭޝަނަލް ފެންވަރުގެ ކަބައްޑީ ކުޅުންތެރިއެއްގެ ރޯލުންނެވެ. އެ ފިލްމަކީ ކަންގަނާ ވަރަށް ގިނަ ޕްރެކްޓިސް ތަކެއް ވެސް ކޮށްގެން ފެށި ފިލްމެކެވެ.
އާއިލީ ގުޅުމުގެ ތެރެއިން ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއް އަދި ކުރިމަތިވާ ކޮންމެ ކަމެއް އެކީގައި ހިއްސާ ކުރާ ބައެއްގެ ވާހަކަ ކިޔައިދޭ "ޕަންގާ" ގެ ސްކްރިޕްޓާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެ މަސައްކަތް ފަށާހިތުން ކެތްމަދުވެފަައި ހުރި ކަމަށް ކަންގަނާ ކުރިން ވަނީ ބައެއް މީޑިއާތަކަށް ބުނެފައެވެ.
ކަންގަނާ އާއެކު ޖައްސީ ގިލް އާއި ނީނާ ގުޕްތާ ފަދަ ތަރިންގެ އެކްޓިން ފެނިގެންދާނެ "ޕަންގާ" ގެ ޝުޓިން ފެށި ނަމަވެސް ފިލްމު ސްކްރީނަށް އަންނާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ބޮޑަށް ބެލެވެނީ އެ ފިލްމު ރިލީޒްވާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ.
ކަންގަނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ އަހަރުގެ ޖެނުއަރީ 19ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ. އަދި ހަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ގައި ރިލީޒްކުރާ ފިލްމު "މެންޓަލް ހޭ ކިޔާ" އިންވެސް ކަންގަނާ ފެންނާނެއެވެ.