ބުރަކަށްޓަށް ވަޅިން ހަމަލާ ދިނީ އަދީބު ފައިސާ ދީގެން ކަމަށް އަލްހާން ތުހުމަތުކޮށްފި
ބުރަކަށްޓަށް ވަޅިން ހަމަލާ ދިނީ އަދީބު ފައިސާ ދީގެން ކަމަށް އަލްހާން ތުހުމަތުކޮށްފި

ދެހާސް ސާދަވަނަ އަހަރު ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ އަލްހާން ފަހުމީގެ ބުރަކަށްޓަށް ވަޅިން ހަމަލާ ދިނީ އޭރު ޓޫއަރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފައިސާ ދީގެން ކަމަށް އަލްހާން ތުހުމަތު ކުރައްވައިފި އެވެ.

އަލްހާން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވަން އެޕާޓީގެ އިދާރާ ކުނޫޒު ގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި "ސަން" އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލްހާން ވިދާޅުވީ އޭނާ ކުރި އަމިއްލަ ތަހުގީގުން ވަޅިން ހަމަލާ ދިނީ އަދީބު ބަޔަކަށް ފައިސާ ދީގެން ކަމަށް އެނގޭ ކަަމަށެވެ.

"ފުލުހުންގެ ތަހުގީގުގައި އަޅުގަނޑު އެވާހަކަ ދެއްކި ވަރަށް އެމައްސަލަ ތަގުހީގު ކުރެވިފައި ނެތް. އަޅުގަނޑު އަމިއްލަ އަށް ޕާސަނަލީ ކުރި ތަހުގީގުން އަޅުގަނޑަށް ސާބިތުކަމާ އެކު އެނގޭ، އެކަން ކުރުވި ބަޔަކު ލައްވާ އެކަން ކުރުވީ ކުރީގެ ނައިބު ރައީސް ކަން ކުރެއްވި އަހްމަދު އަދީބު ފައިސާ ދީގެން، އޭނަގެ ބަޔަކު ކަން އެކަން ކުރީ" އެނާގެ ބުރަކަށްޓަށް ވަޅިން ހަމަލާ ދިނީ އަދީބު ފައިސާ ދީގެން ކަމަށް ތުހުމަތު ކުރައްވައި އަލްހާން ވިދާޅުވި އެވެ.

އަލްހާން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ، އޭނާގެ ބުރަކަށްޓަށް ހަމަލާ ދިނީ އަދީބު ފައިސާ ދީގެން ކަމަށް އަލްހާން ތުހުމަތު ކުރެއްވި -- ސަން ފޮޓޯ/ފަޔާޒު މޫސާ

އަލްހާން ވިދާޅުވީ ހެކި ގެއްލިދާނެ ތީ ނުރަސްމީ ގޮތެއްގައި އެ މައްސަލައިގެ މައުލޫމަތުތަށް ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދަށް ދަންނަވާފައިވާ ކަމަށެވެ. އަދި އިންތިހާބީ ރައީސް (އިބޫ) ހުވާ ކުރެއްވުމަށް ފަހު ރަސްމީކޮށް އެ މައްސަލަ ތަހުގީގު ކުރެއްވުމަށް ފުލުހުންގެ އިދާރާއަށް ހުށައަޅުއްވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

ކުރިން އެ މައްސަލަ ތަހުގީގު ކުރަން ބާރު ނޭޅީ އޭނާ އަތުގައި އެ މައުލޫމަތު ނެތިގެން ނޫން ކަމަށާއި ރައީސް ޔަމީންގެ ސަރުކާރުގައި އެ ކަން ބެލުމާ މެދު އިތުބާރު ނުކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ރައީސް ޔާމިންގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ކޮށްފައި އޮތް ޖަރީމާއެއް. [ތަހުގީގުކޮށް] ނިމޭއިރު ރައީސް ޔާމިންއާ ވެސް ސުވާލު ކުރަން ޖެހިދާނެ ފަދަ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި އެ ސަރުކާރާއި އެ މާހައުލު އެފަދަ ތަހުގީގަކަށް ޖާގަ ނުދޭތީ އަޅުގަނޑު މަޑުކޮށްލީ،" އެ މައްސަލަ ކުރިން ހުށަނޭޅުއްވި ސަބަބު ބަޔާން ކޮށް އަލްހާން ވިދާޅު ވިއެވެ.

އަލްހާން އަށް 2014 ވަނަ އަަހަރު ފެބެރުއަރީ އެއްވަނަ ދުވަހު ހަމަލާ ދިނުމަށް ފަހު ހޮސްޕިޓަލް އަށް ގެންދަނީ -- ފޯޓޯ ވީނިއުސް

އަލްހާން ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމެއްގައި އެ މައްސަލަ ތަހުގީގު ކުރެވި އިންސާފު އޭނާއަށް ލިބިގެންދާނެ ކަމަށް ވަރަށް ޔަގީން ކުރައްވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އަދީބުގެ ގާނޫނީ ވަކީލް، މޫސާ ސިރާޖް "ސަން" އަށް ވިދާޅުވީ އަދީބު ހުންނެވީ އިންތިހާބީ ރައީސް އިބޫގެ ސަރުކާރުގައި އެނާއާ ގުޅޭ ގޮތުން ހިންގާ ހުރިހާ ތަހުގީގަކަށް އެއްބާރުލުން ދޭން ކަމަށާއި އެހެން ކަމުން އަލްހާން އެކުރައްވާ ތުހުމަތުތައް ތަހުގީގު ކުރެއްވުމަށް ވެސް އަދީބު އެއްބާރުލުން ދޭނެ ކަމަށެވެ.

ވަކީލް ސިރާޖު ވިދާޅުވީ އަލްހާން އެ ކުރައްވާ ތުހުމަތުތައް ޔަގީން ވެގެން ދާނީ މިނިވަން ތަހުގީގަކުން ކަމަށާއި އެހެން ކަމުން އެކަމުގެ ތެދު ދޮގު ބެލުމަށް މިނިވަން ތަހުގީގެއް ކުރައްވަން ޖެހޭ ކަމަށެވެ.

އަލްހާނަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ 2014 ވަނަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ބްރޭކްވޯޓާ ރެސްޓޯރަންޓް ތެރޭގައި އިތުރުބަޔަކާ އެކު އޭނާ އިންނަވަނިކޮށެވެ.

އެމައްސަލާގައި އޭރު ފުލުހުން ކުރި ތަހުގީގުން ގިނަ ބަޔަކު އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް ޕްރޮސެކުޓާ ޖެނެރަލް އެ މައްސަލާގައި ދައުވާ ކުރީ އެންމެ މީހެއްގެ މައްޗަށެވެ. އެ މައްސަލާގައި އެމީހާގެ މައްޗަށް ވެސް އަދި ހުކުމެއް ކޮށްފައެއް ނުވެ އެވެ.