27 Sep 2011, 09:37
އދ. މަޖިލިސް (ސެޕްޓެމްބަރ 27) : އދ. ގެ ފުރިހަމަ މެންބަރު ކަމަށްއެދި ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލައާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ރޭ ސަލަމާތީ މަޖިލީހުން ބަންދު ޖަލްސާއެއް ބާއްވައިފިއެވެ.
މިޖަލްސާ ނިމުމަށް ފަހު ސަލާމަތީ މަޖިލީހުގެ ރައީސް ލުބްނާނުގެ މަންދޫބު ނުއްވާފް ސަލާމް ވިދާޅުވީ މިކަމާބެހޭ ޚާއްސަ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ސަލާމަތީ މަޖިލީހުން ބޭއްވުމަށް މަޖިލީހުގެ މެންބަރުން އެއްބަސްވެފައިވާ ކަމުގައެވެ.
ބުދަ ދުވަހުގެ ޖަލްސާއިން ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ދިނުމުގެ މައްސަލަ، މިކަން ޤާނޫނީ ގޮތުން ބަލައި ދިރާސާކުރާ ކޮމިޓީއަށް ފޮނުވުމަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރުކަމަށް އެދި ހުށަހަޅާ ދައުލަތަކަށް މެންބަރުކަން ދިނުމުގެ މައްސަލާގައި ސަލާމަތީ މަޖިލީހުން ވޯޓަކަށް ދާނީ މެންބަރުކަން ދިނުމުގެ މައްސަލަ ޤާނޫނީ ގޮތުން ބަލައި ދިރާސާ ކުރާ ކޮމިޓީން މިކަން ބެލުމަށްފަހުގައެވެ. މެންބަރުކަން ހޯދުމަށްއެދި ހުށަހެޅި ހުށަހެޅުމަކީ ޤާނޫނީ ގޮތުން ސައްހަ ހުށަހެޅުމެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ އެކޮމިޓީން ކަމަށާ މިކަންތައްތައް ބެލުމަށްފަހު އެކޮމިޓީގެ ރިޕޯޓް ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން ފަލަސްތީނުގެ ދައުލަތަށް މެންބަރުކަން ދިނުމުގެ މައްސަލާގައި ސަލާމަތީ މަޖިލީހުން ވޯޓަކާ ހަމައަށް ދާނެކަމަށް ސަލާމް ވިދާޅުވިއެވެ.
ޑިޕްލޮމޭޓުން ބުނާގޮތުން އެމެރިކާ ގެންދަނީ ވީޓޯ ނުކޮށް ފަލަސްތީނުގެ ދައުލަތުގެ މައްސަލަ ސަލާމަތީ މަޖިލީހުން ބޭރުކޮށްލެވެތޯއެވެ. އެއީ ވީޓޯކުރުމަކީ އެމެިރކާ ދުނިޔޭގައި އެކަހެރިވެ ޚުދުމުޚްތާރު އުސޫލުން ކަންތައްކުރާ ޤައުމެއްކަމާއި ފަލަސްތީނުގެ ޙައްޤަށް ހުރަސްއަޅާ ހަރުކަށި ޤައުމެއްގެ ގޮތުގައި މިހާރަށްވުރެވެސް ބޮޑަށް އެމެރިކާ ލޭބަލްވެގެންދާނެތީއެވެ. މިމައްސަލަ ސަލާމަތީ މަޖިލީހުން ބޭރުލެވޭނެ އެއްގޮތަކީ ސަލާމަތީ މަޖިލީހުގައި ހިމެނޭ މެންބަރު އެހެން ޤައުމުތަކަށް ފިއްތުންތައް ކުރިމަތިކޮށްގެންނާއި އެކިގޮތްގޮތުން ރިޝްވަތު ދީގެން ފަލަސްތީނުގެ ދައުލަތުގެ މައްސަލާގައި ނަގާވޯޓުގައި އަޣްލަބިއްޔަތު ނުލިބޭގޮތް ހެދުމެވެ. މިކަން މިހާރުވެސް އެމެރިކާ ގެންދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ.
ދެވަނަ ގޮތަކީ މެންބަރުކަން ދިނުމުގެ މައްސަލަ ޤާނޫނީ ގޮތުން ބަލައި ދިރާސާ ކުރާ ކޮމިޓީއަށް ބާރާއި ނުފޫޒު ފޯރުވައިގެން ފަލަސްތީނުގެ ހުށަހެޅުމަކީ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ޤާނޫނީ ހައްޘިއްޔަތު ލިބިފައިނުވާ ނުވަތަ ޤާނޫނީ ގޮތުން ފުރިހަމަ ހުށަހެޅުމެއް ނޫންކަމަށް އެކޮމިޓީން ނިންމުމެވެ. މިކަމަށްވެސް އެމެރިކާ މަސައްކަތްކުރަމުން ގެންދާ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)