ރާއްޖޭގެ ވިޔަފާރި ކުންފުނި ސިމްޑީ ގްރޫޕާ ގުޅިގެން ރާއްޖެއަށް ބިޔަ މަޝްރޫއުތަކެއް ގެންނާނެކަން އިއުލާނުކުރި އިންޑިއާގެ އޫލަލާ ކުންފުންޏާ މިހާރު ވިޔަފާރީގެ ގުޅުމެއް ނެތްކަމަށް ސިމްޑީ ގްރޫޕުގެ ވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ދީދީ) ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އޫލަލާ ވޯލްޑް ނަމަކަށް ކިޔާ ކުންފުންޏަކީ އެގައުމުގެ ވިޔަފާރިވެރިޔާ އަބީޝޭކް ވަރުމާއާއި އޭނާގެ އަންހެނުން، ރޮމޭނިއާގެ ކުރީގެ ރީތީގެ ރާނީ އަންކާ ވަރުމާގެ މަސްލަހަތު ހިމެނޭ ކުންފުންޏެކެވެ. އަބީޝޭކަކީ އޫލަލާ ވޯލްޑްގެ ޗީފް އިވެންޖަލިސްޓެވެ. އަދި އޭނާގެ އަންހެނުންނަކީ ކުންފުނީގެ ޗެއާޕާސަންއެވެ.

އެ ކުންފުނީގެ އިތުރު ވެރީންގެ ގޮތުގައި ހިމެނެނީ ލިތުއޭނިއާއަށް ނިސްބަތްވާ ތިން މީހެކެވެ.

އަބީޝޭކް ވަރުމާއަކީ ހަތިޔާރުގެ ވިޔަފާރިވެސް ކުރާ ވިޔަފާރިވެރިއެކެވެ.

ވަރުމާގެ އޫލަލާ ވޯލްޑް ކުންފުނިން ސިމްޑީ ގްރޫޕާ ގުޅިގެން ބޮޑެތި މަޝްރޫއުތަކެއް ހިންގާނެކަން ފެބްރުއަރީ މަހު އިއުލާނުކުރިއެވެ.

ސިމްޑީ ގްރޫޕުގެ ވެރިޔާ އިބްރާހިމް މުހައްމަދު ދީދީ، އޭނާއާއި އަބީޝޭކް ވަރުމާ އެކުގައި ނަގާފައިވާ ފޮޓޯއެއް ޓްވީޓުކުރައްވައި ވިދާޅުވީ، އޫލަލާ ކުންފުންޏާ އެކު ވިޔަފާރީގެ އެއްވެސް ގުޅުމެއް މިހާރު ނެތް ކަމަށެވެ.

"އޫލަލާ ކުންފުންޏާއެކު ވިޔަފާރީގެ އެއްވެސް ގުޅުމެއް މިހާރަކު ނެތް. އެމީހުން ވަނީ އެމީހުންގެ އަމިއްލަ އޮފީހެއް ރާއްޖޭގައި ހުޅުވާފައި،" ދީދީ ޓްވީޓުކޮށް ވިދާޅުވިއެވެ.

ފެބްރުއަރީ މަހު ސިމްޑީއާއި އޫލަލާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ރާއްޖޭގައި ބޮޑެތި ބިޔަ މަޝްރޫއުތަކެއް ހިންގުމަށް ރޭވުނެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނަކާއި، ހަތަރު ރިސޯޓާއި ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ އެއާޕޯޓަކާއި ޝިޕިން ޕޯޓަކާއި ރަށްރަށުގެ މެދުގައި ބްރިޖު އަޅައި މޮނޮރެއިލްގެ ހިދުމަތް ފޯރުކޮށްދިނުމާއި 300 އެނދުގެ ދެ ހޮސްޕިޓަލް ތަރައްގީކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ކަންކަން އިއުލާނުކުރި ނަމަވެސް އެ މަސައްކަތްތައް ފަށާނެ ދުވަހެއް، އަދި ހިނގާނެ ތަނެއްވެސް ހާމަކޮށްފައެއް ނުވެއެވެ.