ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ގަރާރަކުން އެގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލި އުވާލުން ބާތިލުކޮށް، ޖެނުއަރީ މަހަށް އިއުލާނުކުރި އާންމު އިންތިހާބަށް ތައްޔާރުވުން އެގައުމުގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު މިގޮތަށް ނިންމުމާއެކު، ބޮޑުވަޒީރުކަމުން ވަކިކުރި ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީން ވަނީ މާދަމާ ޕާލަމެންޓުގެ ޖަލްސާއެއް ބާއްވާނެކަމަށް އިއުލާނުކޮށްފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މަގާމުން ވަކިކުރައްވައި، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަނުކުރުމާއެކު އެގައުމުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.

ބޮޑުވަޒީރު ބަދަލުވުމަށްފަހު ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީސް ސަސްޕެންޑުވެސް ކުރައްވާފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ މެޖޯރިޓީ އޮތީ ރަނިލްއަށްތޯ ނުވަތަ ރާޖަޕަކްސައަށްތޯ އޮތީ ކަށަވަރުނުވެފައެވެ. އެންމެ ފަހުން ރައީސް ސިރިސޭނާ ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި، އެގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލައްވައި، އާ އިންތިހާބަކަށް އިއުލާނުކުރައްވާފައެވެ.

އެ މައްސަލައިގައި ބޮޑުވަޒީރުކަމުން ވަކިކުރި ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އިން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމުން، އެ ކޯޓުން މިއަދު ހަވީރު ވަނީ ރައީސް ސިރިސޭނާގެ ރިޔާސީ ގަރާރަށް އަމަލުކުރުން، ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ފަސްކުރަން ވަގުތީ އަމުރެއް ނެރެފައެވެ.

އެ މައްސަލައިގައި ސަރުކާރައި އިދިކޮޅުންވެސް މައްސަލަ ހުށަހަޅާފައިވާތީ، ސުޕްރީމް ކޯޓުގެ ވަގުތީ އަމުރު ހިނގާނީ އެ މައްސަލަތައް ކޯޓުގައި ހިންގެންދެންނެވެ.

ރައީސް ސިރިސޭނާގެ ގަރާރުގައިވާ ގޮތުން، 2019 ވަނަ އަހަރުގެ ޖެނުއަރީ ފަސްވަނަ ދުވަހު އާންމު އިންތިހާބު ބާއްވައި، ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ޖަލްސާ 2019 ޖެނުއަރީ 17ގައި ބާއްވަން ޖެހެއެވެ.

ރައީސް ސިރިސޭނާގެ ހިތްޕުޅުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް އިތުބާރު ގެއްލުނުކަމަށް ބެލެވެނީ، އެމަނިކުފާނު އަވަހާރަކޮށްލަން ބޭރު ގައުމެއްގެ އިންޓެލިޖެންސް އޭޖެންސީއަކުން މަސައްކަތްކުރި ކަމުގެ ވާހަކަތަކެއް އެމަނިކުފާނަށް އެނގިވަޑައިގަތުމާއެކުއެވެ.