13 Nov 2018, 16:52
ކޮލަމްބޯ (ނޮވެމްބަރު 13): ސްރީ ލަންކާގެ އާއްމު އިންތިހާބު އަވަސް ކުރަން ނިންމި ނިންމުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގައި މިއަދު ބާއްވާ އަޑު އެހުމާ ގުޅިގެން އެކޯޓުގެ ބޭރުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ލަންކާގެ ޕާލިމެންޓު އުވާލައްވައިފަ އެވެ. އަދި އަންނަ ޖެނުއަރީ މަހުގެ ފަހެއްގައި އާއްމު އިންތިހާބު ބާއްވަން ނިންމަވާފަ އެވެ.
"ސްޕެޝަލް ޓާސްކް ފޯސްގެ ޔުނިޓުތަކުން އެތައް ސަތޭކަ ކޮންސްޓެބުލްސް އެބަ ހަރަކާތްތެރިވޭ. އިދިކޮޅު ޕާޓީތަކަށް ތާއިދު ކުރާ ފަރާތްތަކުގެ މެދުގައި ހަމަނުޖެހުން ހިނގާފާނެ ކަމަށް ބެލެވޭ،" ސީނިއާ ފުލުހަކާ ހަވާލާދީ އޭއެފްޕީގައިވެ އެވެ.
ލަންކާގެ ޕާލިމެންޓު އުވާލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ބޮޑުވަޒީރުގެ މަގާމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އިންނާއި ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ)އިންނާއި ޕީޕަލްސް ލިބަރޭޝަން ފްރޮންޓު (ޖޭވީޕީ)އިންނެވެ.
އެޕާޓީތަކުން ވަނީ، ސިރިސޭނާ ޕާލިމެންޓު އުވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ނިންމުމަށް ކޯޓުގައި އެދިފަ އެވެ. ނަމަވެސް މިއަދު ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ މައްސަލަ ބަލައިގަތުމާ ބެހޭ ގޮތުންނެވެ.
މިދިޔަ މަހުގެ 26ގައި ސިރިސޭނާ ވަނީ ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރުކުރެއްވުމަށް ފަހު އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފަ އެވެ.