13 Nov 2018, 16:25
ފެށޭ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އަދި ނައިބު މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހަމަޖައްސައިފި އެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އެ ދެ ބޭފުޅުން މުގައްރިރާއި ނައިބު މުގައްރިރަށް ހަމަޖެއްސީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.
ފެށޭ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަދު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.
އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާ ކުރެވޭ އިރު، އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓު ޑެފިސިޓްގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ އަރަނި ވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މިނިސްޓަރު މުނައްވަރު ވިދާޅުވީ 2018 ވަނަ އަހަރަކީ ގިނަ މަޝްރޫއުތަކެއް ނިމި އޭގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާފައިވާ އަހަރެއް ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރަކީ ރާއްޖޭގެ ޕްރޮޑަކްޝަން ޕޮސިބިލިޓީ ޕްރޮންޓިއާ (ޕީޕީއެފް) ޝިފްޓު ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދެވުނު ފަސް އަހަރު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ދައުލަތުގެ ދަރަންޏަށް 23 ބިލިއަން ރުފިޔާ އިތުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.