ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ އެވެ.

އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުނެވެ. އެ މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅުކަމަށް ހައިކޯޓުން ވެސް ވަނީ ނިންމައިފަ އެެވެ. އަދި އެ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ބުނެ، ފަހު ބަސް އިއްވައިފަ އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ވަނީ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ރިވިއުގެ މައްސަލަގައިގެ އަޑުއެހުން ތާވަލު ކުރީ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. އެ މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، އަދި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.

އެ މައްސަލަ ތާވަލުކޮށްފައިވާ އިރު ނަޝީދުގެ ފަރާތްޕުޅުން ހުށަޅާ ޖަވާބު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.

ނަޝީދުގެ ހުކުމް ރިވިއު ކުރުމުގެ މައްސަލަ ނިމެންދެން އެމަނިކުފާނުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.