13 Nov 2018, 16:00
ނިއު ޔޯކް (ނޮވެމްބަރު 13): ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލުމަށް ފަހު، "އެކަންކޮށްފައިވާ ކަން ބޮސްއަށް އެންގުމަށް" ބުނެ ފޯނު ކޯލެއް ކުރި ކަމަށް ނިއު ޔޯކް ޓައިމްސްއިން ބުނެފި އެވެ.
ހާޝުގްޖީ މަރާލި ހާދިސާގެ ރެކޯޑިންގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ޓައިމްސްގައިވާ ގޮތުން، އެމެރިކާގެ އޮފިޝަލުން ގަބޫލު ކުރާ ގޮތުގައި އެފޯނު ކޯލުގައި "ބޮސް" ކަމަށް އެބުނަނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ.
އެނޫހުގައިވާ ގޮތުން އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ގަބޫލު ކުރާ ގޮތުގައި ހާޝުގްޖީގެ މަރާއި ވަލީއަހުދާ ގުޅުމެއް އޮތް ކަމުގެ އެންމެ ބޮޑު ހެތްކަކީ އެރެކޯޑިން އެވެ.
ޓައިމްސްއިން ރިޕޯޓު ކުރާ ގޮތުގައި އެފޯނު ކޯލު ކުރީ ވަލީއަހުދުގެ ވަރަށް އަރިސް ފަރާތެއް ކަމަށްވާ މާހިރު އަބްދުލްއަޒީޒު މުތުރިބު އެވެ. އޭނާއަކީ ހާޝުގްޖީ މަރާލުމަށް ތުރުކީއަށް ސައުދީން ދިޔަ ކަމަށް ތުރުކީން ބުނާ 15 މީހުންގެ ތެރެއިން އެކަކެވެ.
ތުރުކީގެ އިންޓެލިޖެންސް އޮފިސަރުން ގަބޫލު ކުރާ ގޮތުގައި އެފޯނު ކޯލު ކުރީ ވަލީއަހުދުގެ ގާތް އޮފިޝަލަކަށެވެ.
ސައުދީ ސަރުކާރުން ވަނީ ހާޝުގްޖީގެ މަަރާ، ވަލީއަހުދާއި ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާ އެއްވެސް ގުޅުމެއް ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.