މީޑިއާތައް ރެގިއުލޭޓުކުރާ އިދާރާތަކުގެ މަސައްކަތް އެއްކޮށްލުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މީޑިއާ ކޮމިޝަނުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދެވެ. މި ބިލު މަޖިލީހުން ބޭރުކޮށްލީ 38 މެންބަރުންގެ ވޯޓުންނެވެ.

އެ ބިލުގައި އޮތްގޮތުން އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން ބްރޯޑްކާސްޓިން ކޮމިޝަން އާއި މީޑިއާ ކައުންސިލް އުވޭނެއެވެ. މީޑިއާ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސެއް ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

އެ ބިލު ހުށަހެޅީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިން އަމަލުކުރަންވީ ހަމަތަކާއި ސުލޫކީ މިންގަނޑު މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގައި ބެލެހެއްޓުމުގެ މަގުސަދުގައެވެ.

ބޭންކިންގެ ގާނޫނަށް ހުށަހެޅި އިސްލާހުވެސް މިއަދުގެ ޖަލްސާގައި ވަނީ ބޭރުކޮށްލައިފައެވެ. ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ހުށަހެޅުއްވި މި އިސްލާހު ބޭރުކޮށްލީ 43 މެންބަރުންގެ ވޯޓުންނެވެ.