13 Nov 2018, 15:40
ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް ނިންމުމަށް ފަހު މަންދޫބުންގެ ލިސްޓް ފޮނުވާ އިރު ވަކި ފޯމެޓެއްގެ ދަށުން އެ ލިސްޓު ފޮނުވަން ޖެހޭނެ އުސޫލެއް ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހައިކޯޓުގައި ބުނެފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ސިވިލް ކޯޓުން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރުމަށް ކުރި ހުކުމުގައި އެ ޕާޓީގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް ވަނީ އަންގައިފަ އެވެ. އެ ގައުމީ ޖަލްސާ ބާއްވާފައި ވަނީ ރިޔާސީ އިންތިހާބަށް ފަހު، ސެޕްޓެމްބަރު 28 ވަނަ ދުވަހު އަދި 29 ވަނަ ދުވަހު އެވެ. އެ ގައުމީ ޖަލްސާގައި ވަނީ ޕާޓީގެ ރައީސް ކަމަށް އަބްދުﷲ ޔާމީން ހަތަރު ނައިބު ރައީސުން އިންތިހާބު ކޮށްފަ އެވެ.
ނަމަވެސް، އެ ގައުމީ ޖަލްސާގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮންގްރެސް ބަލައިނުގަންނަން ނިންމައިފަ އެވެ.
އިލެކްޝަންސް އިން ކޮންގްރެސް ބަލައިނުގަންނަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ޕީޕީއެމްގެ ފަރާތުން ވަނީ ހައިކޯޓަށް ވައްދައިފަ އެވެ. ހައިކޯޓުގައި މިއަދު އޮތީ އެ މައްސަލައިގެ ދެވަނަ އަޑުއެހުމެެވެ. ފުރަތަމަ އަޑުއެހުމުގައި އީސީ އިން ވަނީ ކޮންގްރެސް ބާތިލު ކުރި ސަބަބުތައް ކިޔައިދީފަ އެވެ. އަދި މިއަދު އޮތީ ޕީޕީއެމް އިން އީސީގެ ހުށަހެޅުންތަކަށް ރައްދު ދިނުމެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރީ އަޑުއެހުމުގައި ވަނީ ކޮންގްރެސްގައި ބައިވެރިވި ޕީޕީއެމްގެ މަންދޫބުންގެ ލިސްޓާ މެދު ސުވާލު އުފައްދައިފަ އެވެ. އެގޮތުން ކޮން ބައެއްކަން ކަށަވަރު ނުކުރެވޭ 50 މީހުން ކޮންގްރެސްގައި ވޯޓުލި ކަމަށާއި އެހެން ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މީހުން ވެސް ކޮންގްރެސްގައި ވޯޓު ލި ކަަމަށް އިލެކްޝަންސް އިން ބުންޏެވެ.
އެކަމަށް ރައްދު ދެއްވައި ޕީޕީއެމްގެ ވަކީލު އަބްދުﷲ ސިޔާޒް މިއަދު ވިދާޅުވީ، ޕީޕީއެމްގެ މެމްބަރު ކަމުގެ ފޯމު ހުށަހަޅާ ހިސާބުން ފެށިގެން އެމީހަކީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ބެލޭނެ ކަމަށެވެ. އަދި 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ވެސް، ކޮންގްރެސްގެ އެއް ދުވަސް ކުރިން ޕީޕީއެމްއަށް ސޮއި ކުރި މީހުން ވޯޓު ލި ކަމަށެވެ. އަދި ޕާޓީގެ މެމްބަރު ކަމުގައި ބެލެވޭނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނާ ގޮތުން ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގައި ވަނީ ސޮއި ކުރާ ހިސާބުން ޕާޓީގެ މެމްބަރެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.
އެކަމާ ބެހޭ ގޮތުން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން އީސީގެ ވަކީލު ރިއްފަތު އަބްދުﷲ މިއަދު ވިދާޅުވީ، އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީގައި މީހުން ނުހިމެނޭނެ ގޮތަށް ހެދުމަށް، މީހަކު ޕާޓީއަށް ރެޖިސްޓްރީ ވާނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނުމުން ކަމަށް ކަނޑައެޅުން މުހިންމު ކަމަށެވެ. އަދި އެކަން އޮންނަ ގޮތަކީ އެއީ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރިއްފަތު ވިދާޅުވި އެވެ.
ވޯޓުލި މަންދޫބުންގެ ލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށް އީސީއިން ބުނާ އިރު، މިއަދު ފަނޑިޔާރުންގެ ބެންޗުން ވަނީ، އެ ލިސްޓު ހުށަހަޅާނެ ވަކި ފޯމެޓެއް އީސީއިން ކަނޑައަޅާފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އެފަދަ އުސޫލެއްވާ ނަމަ އެއާ ހިލާފަށްް ހުށަހަޅާފައިވޭތޯ ސުވާލު އުފައްދައިފަ އެވެ.
އީސީއިން ބުނީ މަންދޫބުންގެ ލިސްޓު ތައްޔާރު ކުރާނެ އެއްވެސް ފޯމެޓެއް އެ ކޮމިޝަނުން ހަމަޖައްސާފައި ނުވާނެ ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާ އާއި 35 ވަނަ މާއްދާގެ ދެވަނަ ނަމްބަރު ފުށޫ އަރާ ކަމަށް އީސީއިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އީސީއިން ބުނީ ޕީޕީއެމްގެ ނައިބު ރައީސުންގެ އަދަދު އަސާސީ ގަވާއިދުގެ މާއްދާތަކުގައި ވަނި ފުށޫ އަރާ ގޮތަށް ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި މިއަދު ޕީޕީއެމްގެ ވަކީލު އަބްދުﷲ ސިޔާޒް ވިދާޅުވީ، އެ ދެ މާއްދާ ފުށޫއެރި ނަމަވެސް، އެއީ ކޮންގްރެސް ސައްހަ ނޫން ކަން ކަނޑައެޅުމަށް ލިބޭ ހުއްޖަތެއް ނޫން ކަމަށެވެ.
މީގެ ކުރިން އަޑުއެހުމުގައި އީސީއިން ވަނީ ކޮންގްރެސްގައި ވޯޓުލި އިރު ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް، ވޯޓު ފޮށި މަންދޫބުންގެ ގާތަށް ގެންގޮސްގެން ވޯޓު ލުން ކުރިއަށް ގެންދިޔަ ކަމަށް ބުނެފަ އެވެ.
އެކަމަށް ރައްދު ދެމުން އީސީ އިން ބުނީ، އެގޮތަށް ވޯޓުލުން ކުރިއަށް ގެންދިޔައީ ޕީޕީއެމްގެ ކައުންސިލުން އެގޮތަށް ނިންމުމުން ކަމަށެވެ. އަދި އެގޮތަށް ވޯޓުލައިގެން ވޯޓަށް ނުފޫޒު ފޯރުވި ކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށް ޕީޕީއެމް އިން ފާހަގަ ކުރި އެވެ.
ޕީޕީއެމް އިން މިއަދު ބުނީ އިލެކްޝަނުން ކޮންގްރެސް ބަލައިނުގަންނަން ނިންމާފައި ވަނީ، ގަވާއިދާ ހިލާފަށް ކަމެއް ހިނގާފައިވާ ކަމަށް ބުނެ ސުވާލު ކުރުމެއް ނެތި އަދި ޖަވާބު ދިނުމަށް ވެސް ފުރުސަތު ނެތި ކަމަށެވެ. އަދި ކޮންގްރެސް ބަލައިނުގަންނަން އީސީން ނިންމީ އިޖުރާއަތްތައް ފުރިހަމަ ނުވާ ކަމަށް ބުނެ ކަމަށް ވާ އިރު، އެއީ ކޮން އިޖުރާއަތްތަކެއްކަން ވެސް އޭރު ބުނެފައި ނުވާ ކަމަށެވެ.
މިއަދު އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމައިފަ އެވެ. ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުމެވެ.