ސުކޫލު ކުދިންނަށް ހެދުނުގެ ނާސްތާ ދިނުމަށް ބޭނުންވާ ފައިސާގެ ގޮތުގައި 50 މިލިއަން ބަޖެޓުގައި ޖަހައިފިއެވެ.

ސުކޫލު ކުދިންނަށް ދައުލަތުގެ ހަރަދުގައި ހެނދުނު ނާސްތާ ދިނުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ ވައުދެކެވެ. އަދި އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ވައުދެކެވެ.

މިއަދު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 2019 ވަނަ އަހަރަށް ލަފާކުރި ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި 2020 ވަނަ އަހަރަށް 264 މިލިއަން ރުފިޔާ ދަރިވަރުންގެ ހެނދުނު ނާސްތާއަށް ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިފަހަރު ހުށަހެޅި ބަޖެޓުގައި ދަރިވަރުންގެ ހެނދުނު ނާސްތާއަށް 50 މިލިއަން ޖެހި ނަމަވެސް އެ އަދަދު އިބޫގެ ސަރުކާރުން ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓުގައި އިތުރު ކުރާނެ ކަމަށް ބެލެވެއެވެ.

އެޑިއުކޭޝަން ސެކްޓާއަށް، ފެށޭ އަހަރު ހިންގުމަށް ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ހުރިހާ ސުކޫލެއް ޑިސްއެބިލިޓީ ފްރެންޑްލީ ސުކޫލުތަކަށް ހެދުމަށް ފަސް މިލިއަން ވަނީ ބަޖެޓުގައި ހިމަނާފައެވެ. އަދި ސުކޫލު މަރަމާތަށް ހިމަނާފައި ވަނީ އެއް މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން ފުރަތަމަ ޑިގްރީއާ ހަމައަށް މަތީ ތައުލީމު ހާސިލު ކުރާ ފަރާތްތަކަށް ހިނގާ ހަރަދު ހަމަޖައްސައި ދިނުމަށް 50 މިލިއަން ވަނީ ބަޖެޓުގައި ހިމަނާފައެވެ. އެއީވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.