13 Nov 2018, 13:51
ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާ މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ކަނޑައަޅަން މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހަށް ފާރިސްގެ ނަން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއެވެ. އެ ހުށަހެޅުމަށް ރޮޒައިނާ އާދަމް ވަނީ ތާއީދު ކުރައްވާފައެވެ.
ފާރިސް ޖޭއެސްސީއަށް ކަނޑައަޅަން ފެންނަ ކަމަށް މަޖިލީހުގައި ބައިވެރިވި 68 މެމްބަރުންގެ ތެރެއިން 67 މެމްބަރުން ވަނީ ވޯޓު ދީފައެވެ. އަދި އެއް މެމްބަރުން އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވޯޓު ދީފައިވެ އެވެ.
މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވަކިކުރުމަށް މަޖިލީހުން އިއްޔެ ފާސް ކުރުމުންނެވެ. އޭނާ ވަކި ކުރުމަށް ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.