27 Sep 2011, 07:51
މީހުންގެ ތެރެއިން ޓްރިޕޮލީ : (ސެޕްޓެމްބަރ 27) : ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްގައްޒާފީގެ ވެރިކަމުގައި ޓްރިޕޮލީގެ ބޫ ސަލީމް ޖަލުން ގެއްލިފައިވާ މީހުންގެ ތެރެއިން އެތަށް ސަތޭކަ ބަޔަކަށް ވެފައިވާ ގޮތެއް އަދިވެސް ނޭންގޭ ކަމަށް ގައްޒާފީގެ ވެރިކަން ވައްޓާލި އިންތިޤާލީ މަޖިލީހުން ބުނެފިއެވެ.
ގައްޒާފީގެ ސަރުކާރު ވައްޓާލުމަށްފަހު ލީބިޔާގައި މިހާރު ވެރިކަންކުރާ އިންތިޤާލީ މަޖިލީހުގެ ތަރްޖަމާން ޚާލިދް ޝަރީފް ވިދާޅުވިގޮތުގައި ބޫ ސަލީމް ޖަލުގެ ކައިރީގައިވާ ބޮޑު ކަށްވަޅަކުން ފެނިފައިވަނީ މަރާލާފައިވާ 1270 މީހެއްގެ ކަށިތައް ކަމަށާއި 1996 ވަނައަހަރު އެޖަލުގައި ދެހާހަށްވުރެ މަދުނޫން ޢަދަދަކަށް މީހުން މަރާލާފައިވާކަމުގެ ހެކިތައް އެބަހުއްޓެވެ. އެހެންކަމުން އެތަށް ސަތޭކަ ބަޔަކު އަދި ނުފެންނަކަމަށާއި އެމީހުންނަށް ވީގޮތެއް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ.
ގައްޒާފީގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުން 1996 ވަނަ އަހަރު މަރާލިކަމަށް ބުނެވޭ ދެހާހެއްހާ މީހުންނަކީ ގައްޒާފީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތު ކުރެވުނު ބައެއް ކަމަށާއި އޭގެ ތެރޭގައި ގިނައީ ސިޔާސީ ކުށްވެރިން ކަމަށް އެކަމާބެހޭ މަޢްލޫމާތު ދިން މުސްތަޤިއްލު ބައެއް ފަރާތްތަކުން ބުނެއެވެ.
ބޫ ސަލީމް ޖަލުން ގެއްލިފައިވާ މީހުން މައްސަލައިގެ ދަޢްވާ އެމީހުންގެ ޢާއިލާތަކުން 2007 ވަނަ އަހަރު ލީބިޔާގެ ކޯޓަކަށް ހުށަހެޅުމުން ގައްޒާފީ މަސައްކަތް ކުރެއްވީ ޢާއިލާތަކަށް ގިނަޢަދަދެއްގެ ފައިސާ ދީގެން އެމައްސަލަ ބެލުން ހުއްޓުވުމަށެވެ. ގައްޒާފީގެ ސަރުކާރުން ދިން ފައިސާގައި ހިފުމަށްފަހު ބައެއް ޢާއިލާތަކުން މިމައްސަލަ ކުރިޔަށް ނުގެންދިޔުމަށް ނިންމި ނަމަވެސް އަނެއްބައި ޢާއިލާތަކުންވަނީ ފައިސާގައި ހިފުމަށް ދެކޮޅުހަދާފައެވެ.
މިދިޔަ ހަފްތާގައި ބޫ ސަލީމް ޖަލުގެ ކައިރީގައިވާ ކަށްވަޅަކުން ފެނުނު 1270 މީހުންނަކީ ކޮންބައެއްތޯ ބެލުމަށްޓަކައި ޑީ.އެން.އޭ. ޓެސްޓްތައް ހަދަމުން ގެންދާ ކަމަށް މިކަން ބެލުމުގައި ޙަރަކާތްތެރިވާ ލިބިޔާގެ ޑޮކްޓަރެއް ކަމަށްވާ ޢުޘްމާން ޢަބްދުލް ޖަޖީލް ވިދާޅުވިއެވެ. -- އަލްޖަޒީރާ