26 Sep 2011, 22:39
އަދާލަތުޕާޓީ އާއި ވެރިކަން ކުރާ އެމްޑީޕީގެ ކޯލިޝަން އެއްބަސްވުން މިރޭ އުވާލައިފި އެވެ. ކޯލިޝަން ރަސްމީކޮށް އުވައިލިކަން މިރޭ ޢިއުލާންކުރެއްވީ އަދާލަތުޕާޓީގެ މަޝްވަރާ މަޖިލިސް ބައްދަލުވުމަށް އެކަން ހުށައެޅުމަށްފަހު ފަހު ހާޒިރުވި 34 މެންބަރުންގެ ތެރެއިން 32 މެމްބަރުންގެ ވޯޓުން ކޯލިޝަން އުވާލަން ފާސްކޮށްގެނެވެ. ސިއްރު ވޯޓެއް ނެގި ބައްދަލުވުމުގައި ދެ ބޭފުޅަކު ވޯޓު ނުދެއްވައި ތިއްބެވި އެވެ.
ކޯލިޝަން އުވައިލި ގަރާރު އިއްވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ ކޯލިޝަން އުވައިލަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި ސަރުކާރުން އިސްލާމް ދީނަށް އިޚުލާސް ތެރިކަން ކުޑަވުމާއި ގައުމުގެ އިސްތިޤްލާލާއި ސިޔާދަތަށް އިޙުތިރާމް ނުކޮށް ރައްޔިތުންގެ ދިރި އުޅުމުގެ ޙާލަތު ދުވަހުން ދުވަހަށް ދަށަށްގޮސް ގައުމުގެ އެންމެހައި ކަންތައްތައް ބޮއްސުންލައި އިސްލާޙަށް ވޯޓު ދެއްވި ދިވެހި ރައްޔިތުން މާޔޫސް ވާންޖެހޭ ކަންތައް ދިމާވުމުން ހިމެނޭ ކަމަށެވެ.
"... މިފަދަ އެންމެހައި ކަންތައްތައް އިސްލާޙު ކުރުމަށްޓަކައި ޢަދާލަތު ޕާޓީއިން ސަރުކާރަށް ދިން އިޚުލާސްތެރި ލަފާތަކާއި އިރުޝާދުތަކަށް އެއްވެސް އަޅައިލުމެއް ދީފައެއް ނުވެއެވެ. ރާއްޖޭގެ ދީނާއި އިސްތިޤްލާލާއި ގުޅިފައިވާ ބޮޑެތި މައްސަލަތަކަށް ކުޑަވެސް ހުއްޓުމެއް ގެނެވިފައިވަނީ ރައްޔިތުން ގޮވައިގެން މަގުމައްޗަށް ނިކުމެ މުޒާހިރާ ކޮށްގެނެވެ." ގަރާރު ބުނެ އެވެ.
އަދާލަތުން ބުނީ ސަރުކާރުގެ ކޯލިޝަނުން ވަކިވުމަށްފަހު އެއްވެސް ބޭފުޅަކު ސަރުކާރުގެ ސިޔާސީ އިސް މަގާމްތަކުގައި ނުތިއްބަވާނެކަމަށެވެ.
މިވަގުތު ސަރުކާރުގެ އިސް މަގާމަގާމުގެ ތެރޭގައި އަދާލަތުގެ އިސް ދެބޭފުޅުން ކަމުގައިވާ އިސްލާމިކް މިނސްޓަރު ޑރ އަބުދުލް މަޖީދު އަބުދުލްބާރީގެ އިތުރުން ކުރީގެ އެ ޕާޓީގެ ރައީސް އައްޝައިހް ހުުސެން ރަޝީދު އަހުމަދު ހިމެނި ވަޑައިގަންނަވަ އެވެ.
މިރޭ ފާސް ކުރި ގަރާރަށް ފަހު އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ގަރާރު ފާސްކޮށް ކޯލިޝަން އުވައިލިކަން ރަސްމީކޮށް މާދަމާ އެމްޑީޕިއަށާއި ސަރުކާރަށް އަންގާނެ ކަމަށެވެ.
އަދާލަތުން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ 30 ޖޫން 2009ގަ އެވެ. ދެ ޕާޓީގެ ކޯލިޝަން އެއްބަސްވުމުގައި ބުނަނީ އެއީ މިހިނގާ ރިޔާސީ ދައުރުގައި ހިނގަމުންދާ ސަރުކާރު، ދެޕާޓީން ގުޅިގެން ހިންގުމަށާއި ކުރިޔަށް އޮތް އިންތިހާބުތަކުގައި ދެ ޕާޓީ ބައިވެރިވެގެން އެއްޕާޓީ އަނެއްޕާޓީއަށް އެހީތެރިވެދީ އިންތިހާބުގެތަކުގެ ކަންކަން ކުރިޔަށް ގެންދަން އެއްބަސްވާވާ ހަ މާއްދާގެ މުއާހަދާއެއް ކަމަށެވެ.
ކޯލިޝަނުން އަދާލަތު ވަކިވުމަށް ފާސްކޮށް އާންމުކުރި ގަރާރުގައި 28 ސަބަބެއް ފާހަގަ ކޮށްފައި ވެއެވެ. އެ ގަރާރުގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރައީސްކަމާއި ޙަވާލުވެވަޑައިގެންއިރު ތަކެތީގެ އަގުތައް ހުރި މިންވަރުން އެތައްތަނެއް އުފުލިފައިވުމުގެ ސަބަބުން ރައްޔިތުންގެ އަތްމަތި ދަތިވެ، ލިބޭ އާމްދަނީއިން ދެކޮޅުޖައްސަން ދަތިވެ، ރައްޔިތުން ބިކަވެ، ނިކަމެތިވެފައިވާ ކަމަށެވެ.
ފާހަގަ ކޮށްފައި އެހެން ސަބަބުތަކުގެ ތެރޭގައި ކޯޓުގެ ޙުކުމްތަކާއި އެއްގޮތަށް ދިވެހި ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ ގޮތުގެ މަތިން، ސިވިލް ސާވަންޓުންގެ މުސާރައިން އުނިކުރިބައި ދޫކޮށްފައިނެތުމާއި ވެރިކަމަށް ދެ އަހަރާއި ނުވަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް ޑޮލަރުގެ ތާށިކަމުގެ ޙައްލެއް ގެނެވިފައިނުވުމާއި، އަދި ޑޮލަރުގެ ތާށިކަން ނައްތާލުމުގެ ނަމުގައި ސަރުކާރުން އަޅާފައިވާ ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކެއް ބަނގުރޫޓުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި، ބޭސްފަރުވާއާއި ތަޢުލީމް ފަދަ އަސާސީ ޚިދުމަތްތައް ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހޭ ރައްޔިތުންނަށް ދަތިވަމުން ދިއުން ހިމެނެ އެވެ.
އެހެން ސަބަބުތަކުގެ ތެރޭގައި މިއަހަރު ފާސްކޮށްފައިވާ މަސްވެރިންގެ ސަބްސިޑީ ދޫނުކުރުމާއި ކުޑަ ސަރުކާރެއް އުފައްދާނެކަމަށް ވަޢުދުވެ ސިޔާސީ މަޤާމުތައް އެއްދުވަހުން އަނެއް ދުވަހަށް ގިނަ ކުރުމާއި ދައުލަތުގެ ބައިތުލްމާލުން ޚަރަދު ކޮށްގެން 2013 ގެ ކެމްޕެއިނު ދަތުރުތައް ކުރަމުން ދިއުމާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް، ގާބިލްނޫން އެމްޑީޕީގެ އެކްޓިވިސްޓުން ލައި އެ ކުންފުނިތައް ހީނަރުވުމާއި ސަރުކާރުގެ ދޯދިޔާ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ދިމާވި އިޤްތިޞާދީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރު ނުކުޅެދުނު އިރު ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލި ވިޔަފާރިއަށް ހުރަސްއެޅުން ހިމަނާފައި ވެއެވެ.
ހިޔާނާތުގެ އަމަލުތައް ސަރުކާރުގައި ހައްދުފަހަނައަޅާފައިވާއިރު އެކަމާއި އިދިކޮޅަށް ފިޔަވަޅު ނާޅައި އަދި ކަމާބެހޭ މުއައްސަސާތަކުގެ އެންގުންތަކަށް އިޙްތިރާމް ނުކުރުމާއި ހިޔާނާތަށް މަގުފަހިވާގޮތަށް ދައުލަތުގެ އަގުހުރި ތަރިކަތައް ބޭރުގެ ކުންފުނިތަކަށް ދިގުމުއްދަތަށް ދޫކުރަމުންދިޔުން ވެސް އާދާލަތު ޕާޓީގެ އުޒުރުތަކުގެ ތެރޭގައި ހިމެނެ އެވެ.
ޕަބްލިކް ހެލްތު ސެކްޓަރު ލާމަރުކަޒީކުރުމާއި، ހޮސްޕިޓަލްތަކުގެ ޙާލަތު ދަށަށްގޮސް އެ ސެކްޓާ އެއްކޮށް ފެއިލްވެފައިވާއިރު އެކަން ރަނގަޅު ނުކުރުމާއި ޤާނޫނީ އިންތިޤާލީ މަރުޙަލާ ނިމުނު ދަނޑިވަޅުގައި ސުޕްރީމްކޯޓުގައި ތަޅު އަޅުވައި ދައުލަތުގެ ޢަދުލުއިންސާފު ހިންގުމުގެ ބާރުގެ މައްޗަށް ނުފޫޒުފޯރުވުމާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށް ނުފޫޒުފޯރުވުމަށާއި ބިރު ދެއްކުމަށް އެކި ފަހަރު މަތިން، އެމްޑީޕީން ކުރި މަސައްކަތަށް ސަރުކާރުން ހުއްޓުމެއް ގެނެސްފައިނެތުމާއި ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައި މެންބަރުން ރަހީނުކޮށް، އެއްވުން މަނާ ސަރަޙައްދެއްގައި ކޭމްޕު ޖަހައިގެން ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުން ތިބުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން، އަދި ކޯޓުގެ ޙުކުމާއި އެއްގޮތްވާގޮތުގެ މަތިން ސަރުކާރުން ޢަމަލުކޮށްފައިނެތުމާއި އެމްބީސީގެ ބަޖެޓު ދޫނުކޮށް ހިފެހެއްޓުމާއި މީޑިއާއަށް ހުރަސް އެޅުން ވެސް ގަރާރުގައި ވެއެވެ.
އެހެން ސަބަބުތަކުގެ ތެރޭގައި އިޒްރޭލް ސަރުކާރާއެކު ގުޅުން ބަދަހި ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވަނިކޮށް، ރައްޔިތުންގެ ނަމުގައި ސިއްރު އެއްބަސްވުންތަކެއް އިޒްރޭލާއިއެކު ވެ، ގުޅުން ބަދަހިކުރުމާއި ރާއްޖޭގެ ތަޢުލީމީ މުޤައްރަރުގެ ތެރެއަށް އިޒްރޭލުގެ ނުފޫޒު ފޯރުވަން ސަރުކާރުން އެއްބަސްވެފައިވުމާއި މަތީ ސާނަވީ މަރްޙަލާގައި އިސްލާމް އަދި ދިވެހި މާއްދާ އިޚްތިޔާރީ މާއްދާއަކަށް ހަދަން މަސައްކަތް ކުރުމާއި ކުއްލިއްޔަތުއް ދިރާސާތިލްއިސްލާމިއްޔާގެ ބިން އަތުލުމާއި ޢަރަބިއްޔާ ދަރިވަރުންގެ ޙައްޤުތައް ހޯދުމަށް އެ މަދްރަސާގެ ބެލެނިވެރިންކުރި މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރަން ދިއުމުން، އެމީހުންގައިގައި ތަޅައި ޕެޕާ ސްޕްރޭ ޖަހައި ރަޙުމްކުޑަގޮތަކަށް މުޢާމަލާތު ކުރުމާއި .އަރަބި އިސްލާމީ ތަޢްލީމު ހީނަރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރާކަން ފާހަގަކުރެވިފައިވުމާއި އަލްއަޒްހަރު ޔުނިވާސިޓީއާއި އެހެންނިހެން ޢަރަބި އިސްލާމީ ޤައުމަތަކަށް ދަރިވަރުން ތަޢުލީމް ޙާސިލްކުރުމަށް ދާތީވެ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ވެރިން ބޭރުގެ އިސްފަރާތްތަކާ ވާހަކަތައް ޙިއްސާކުރުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ ބެހޭ ޤަވާޢިދެއް އާންމު ކުރުމާއި ހަށިވިއްކާ ތަންތަން ބަންދު ކުރުމަށް ކުރި މަސައްކަތްތަކަށް ސަރުކާރުން އެކަށީގެންވާ އެއްބާރުލުމެއް ނުދިނުން ހިމެނެ އެވެ
ދެން ހިމަނާފައިވާ ސަބަބުތަކުގެ ތެރޭގައި ނާޤާބިލު މީހުންނަށް އޮފީސްތަކުގެ ހިންގުން ޙަވާލުކޮށް ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިއުމާއި ދީނީ އެއްބައިވަންތަކަމުގެ ޤަވާޢިދު އިސްލާމިކް މިނިސްޓްރީއިން ނިންމައި ގެޒެޓްކުރަން ފޮނުވުމުން، 16 މަސްދުވަސްވަންދެން ހިފަހައްޓައި ބަދަލުތައް ގެނައުމާއި ދީނީގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް އެކި ގޮތްގޮތުން ވާގިވެރިވެ، އިސްލާމީ ވަޙްދަތު ނަގާލުމަށް މަސައްކަތްކުރުން ވެސް ހިމެނެ އެވެ.
އެންމެ ފަހު ދެ ސަބަބަކަށް ހުށަހަޅާފައި ވަނީ ދީނީ ޢިލްމުވެރިންގެ އަގު ވައްޓާލުމަށް ކެނޑިނޭޅި ސަރުކާރުގެ ބައެއް އިސްފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އެފަދަ ކަންކަން ރާވާ ހިންގުމަށް ސަރުކާރުގެ ތެރެއިން މަގުފަހިކޮށްދީ ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބްރައީސް ޝައިޚް އިލްޔާސް ޙުސައިނަކީ ޓެރަރިސްޓެއްކަމަށް ބުނެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބޭރުގެ ނޫސް މަޖައްލާތަކަށް ދޮގު މަޢުލޫމާތު ދިނުމެވެ.
"އިސްވެ ބަޔާން ކުރެވުނު ސަބަބު ތަކަކާއި އަދި އެފަދަ އިތުރު އެތައް ސަބަބު ތަކައްޓަކައި، 30 ޖޫން 2009 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ޢަދާލަތު ޕާޓީއާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލާ، ސަރުކާރާއި އެކު ހަދާފައިވާ ކޯލިޝަނުން ޢަދާލަތު ޕާޓީ ވަކިވުމަކީ، ރައްޔިތުންނަށް ލާބައާއި މަންފާހުރި ގޮތުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށާއި، ދީނާއި ޤައުމުގެ މަސްލަޙަތު އިސްކުރާ ވެރިކަމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމަށްޓަކައި ރައްޔިތުންގެ ޙައްގުގައި ކުރަންޖެހޭކަމެއް ކަމުގައި ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަ ހިނދު، އިސްވެދެންނެވުނު އެއްބަސްވުން އުވާލާ ސަރުކާރާއިއެކު ހަދާފައިވާ ކޯލިޝަނުން ޢަދާލަތު ޕާޓީ 26 ސެޕްޓެމްބަރ 2011 ވަނަ ދުވަހު ވަކިވުމަށް މަޝްވަރާ މަޖިލީހަށް ޙާޟިރުވީ 34 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށް، ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 18.1 ވަނަ މާއްދާގެ (ށ) އިން ލިބިދޭ ބާރުގެ ދަށުން " މި ގަރާރު ނެރެމެވެ.
----
އަދާލަތުން ކުރިން ބުނެފައި ވަނީ އިޒްރޭލުގެ އެއާލައިން ބޯޓެއް ރާއްޖޭގައި ޖައްސާ ދުވަހު ކޯލިޝަނުން ވަކިވާނެ ކަމަށެވެ. މިރޭ ކޯލިޝަނުން ވަކިވިިއިރު އިޒްރޭލުގެ ބޯޓު ފަހަރު ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. މިރޭ އާދާލަތު ފާހަގަ ކުރި ބައެއް ސަބުތަކުގެ ތެރޭގައި ތަކެތީގެ އަގު ބޮޑުވުމާއި ތަފާތު ކުރުމާއި ދީނީ މައްސަލަތައް ފަދަ ސަބަބުތައް ހިމަނާފަައި ވެއެވެ. ކޯލިޝަނުން ވަކިވާން ނެގި ސިއްރު ވޯޓުގައި 34 މެންބަރުން ބައިވެރިވި އެވެ. ދެކޮޅަށް ވޯޓު ދިނީ ދެ ބޭފުޅެކެވެ.
އަދާލަތުން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ 30 ޖޫން 2009ގަ އެވެ. ކޯލިޝަން އެއްބަސްވުމުގައި ބުނަނީ އެމްޑީޕީއާ އަދާލަތު ޕާޓީއާ ދެމެދު، މިހިނގާ ރިޔާސީ ދައުރުގައި ހިނގަމުންދާ ސަރުކާރު، ގުޅިގެން ހިންގުމަށާއި ކުރިޔަށް އޮތް އިންތިހާބުތަކުގައި ދެ ޕާޓީ ބައިވެރިވެގެން އެއްޕާޓީ އަނެއްޕާޓީއަށް އެހީތެރިވެދީގެން އިންތިހާބުގެތަކުގެ ކަންކަން ކުރިޔަށް ގެންދަން އެއްބަސްވާވާ ކަމަށެވެ. އެ އެއްބަސްވުމަކީ ހަމާއްދާގެ އެއްބަސްވުމެކެވެ.
އަދާލަތު ޕާޓީ އެމްޑީޕީއާ ގުޅުން ކަނޑައިލި އިރު ސަރުކާރުގައި އަދާލަތު ތަމްސީލު ކުރާ މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރަކު ހިމެނެ އެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހު ހުސެއިން ރަޝީދު އަހުމަދެވެ.
22:49 ކޯލިޝަން ރޫޅައިލާ އެމްޑީޕީއާ ވަކިވި ސަބަބުތަކުގެ ތެރޭގައި 28 ސަބަބު، އަދާލަތުން ވަނީ ފާހަގަ ކޮށްފައި. އެ ސަބަަބުތައް ޕާޓީގެ ރައީސް ޝެއިހު އިމްރާން، ވިދާޅުވެ ދެއްވަމުން އެބަގެންދަވާ.
22:48 ކޯލިޝަން އުވައިލަން ޖެހުނު ސަބަބުތައް ޕާޓީގެ އިސްވެރިން މިވަގުތު ކިޔައިދެއްވަމުން އެބަދޭ.
އަދާލަތުން އެމްޑީޕީއާ ވަކިވެ ކޯލިޝަން އުވާލައިފި އެވެ. ކޯލިޝަން އުވައިލިކަން އިއުލާން ކުރީ ދާދި ދެންމެއަކު އެޕާޓީ އޮފީހުގައި ފެށި ބައްދަލުވުމުގަ އެވެ. (ތަފުސީލު އަންނަނީ)