13 Nov 2018, 11:44
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އެ މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސް ކުރި ބިލު ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށަހެޅި ބިލު ދިރާސާކުރުމަށް މަޖިލީހުން ނެގި ހަތް މެމްބަރުންގެ ކޮމިޓީން ނިންމީ އެ ގާނޫނު އުވާލުމަށެވެ. އަދި އެ ގާނޫނު އުވާލުމަށް މި މަހުގެ ފުރަތަމަ ދުވަހު ރޭ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 54 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ ވޯޓާ އެކު އެވެ. ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓުދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރަކު ތިއްބެވި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
Anti Defection Qaanoon thasdheeq koffi !!!
— Riyaz Rasheed (@riyaz_rasheed)November 13, 2018
Anti-Defection Qanoon Uvaalumah Majlis in Nimmi nimmun Raees Yamin Thasdheeq Kurehvvi khabaraa eku Majlis Raees@qasimibrahimUfalaa eku MP@_funamaaaai Salaam kurahvvanee.pic.twitter.com/BmJyyus1OS
— Ahmed Nihan (@ahmed_nihan)November 13, 2018
ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން 13 ޖުލައި 2017ގައި ކުރި ހުކުމެއްގައި ބުނީ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ، ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނެއް ހެދުމަށް މަޖިލީހުގެ މައްޗަށް ހުކުމުގައި ލާޒިމު ވެސް ކޮށްފައިވެ އެވެ. އެ ގާނޫނު މަޖިލީހުން ފާސްކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލިއަސް، ސުޕްރީމް ކޯޓުގެ އަމުރު ދެމި އޮންނާނެ އެވެ. އަދި މެންބަރަކު އިންތިހާބުވި ޕާޓީ އިން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ.