މި އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓް ޑެފިސިޓް 4.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ މި އަހަރު ނިމެންވާއިރަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21.3 ބިލިއަން ރުފިޔާ ލިބޭނެ ލަފާކުރެވޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަކީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަންގެ މަޝްވަރާ އާ އެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅި ބަޖެޓެކެވެ.

މި އަހަރު ނިމޭ އިރު ދައުލަތުގެ ބަޖެޓް ޑެފިސިޓް ހުންނާނީ ޖީޑީޕީގެ ނިސްބަތުން 5.5 ޕަސެންޓުގައި ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 29.6 ބިލިއަން ރުފިޔާ މަޖިީހަށް ހުށަހަޅާފައިވާ އިރު ދައުލަތުގެ ހަރަދުގެ ގޮތުގައި ބަޖެޓުގައި ލަފާކޮށްފައި ވަނީ 26.7 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު ބަޖެޓް ޑެފިސިޓް 3.7 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ދައުލަތުގެ ބަޖެޓުން ހާސިލްކުރަން ބޭނުންވާ ނަތީޖާތައް އެންމެ އެދެވޭ ގޮތުގައި ހާސިލްކުރެވޭނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލީ ގާނޫނުތަކުގައި ހުރި ފުށޫއެރުންތައް ހައްލުކުރުމަށާއި ހަރުދަނާ ކުރުމަށް އެ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި އަލަށް ތައާރަފުކުރަން ޖެހޭ ގާނޫނުތަކުގެ ދިރާސާތައް ކޮށް ނިމިފައިވާ ކަމަށެވެ.