ސިވިލް ސާވަންޓުންގެ މުސާރައިން އުނިކުރި ބައި ނުދީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސް ދޫނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުރި ދައުވާގެ މަގުސަދު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ކުރި އަމުރު މާދަމާ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މިއަދު ނެރުނު އަމުރު މާދަމާ އަޅުގަނޑު އިސްތިއުނާފު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު މިރޭ ވިދާޅުވީ ސިވިލް ކޯޓުން ނެރުއްވި ވަގުތީ އަމުރާ މެދު ދައުލަތުން ހިތް ހަމަ ނުޖެހޭ ކަމަށާއި އިސްތިއުނާފު ކުރަން ނިންމެވީ އެއީ ސިވިލްސާވަންޓުންނާ ބެހޭ ކަމަކާ ގުޅުވައިގެން ނެރެވޭނެ ހުކުމެއް ކަމަށް ދައުލަތަށް ނުފެންނާތީ ކަމަށެވެ.

"ބަހުސް ކުރެވިދާނެ އެނޫން ގާނޫނީ ހަމަތައް ވެސް މިކަމުގައި އެބަހުރި. އެ ތަފުސީލުތަކަށް މިވަގުތު ދެވޭކަށް ނެތް. އިސްތިއުނާފު ކުރާ މައިގަނޑު ސަބަބު ކުރިން މިދެންނެވީ،" ބަންޑާރަ ނައިބު މުއިއްޒު ވިދާޅުވި އެވެ.
~
ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ކޮމެޓީ އެލަވަންސް ދޫކުރުމަކީ ފިތުނައާ ހަމަނުޖެހުން ހިނގައިފާނެ ކަމެއް ކަމަށާއި އެ ފައިސާ ދޫކޮށްފި ނަމަ އަނބުރާ ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ބުނެ، މި މައްސަލާގައި ކޯޓުން ވަކި ގޮތަކަށް ހުކުމްކުރުމުގެ ކުރިން ކޮމެޓީ އެލަވަންސް ފައިސާ ދޫނުކުރުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދިނުމަށް ސ. މަރަދޫ، ޕެންޒީމާގޭ، މާހް ޖަބީން ޝަރީއަތުގައި އެދުމުން ގާޒީ ނެރުއްވެވި އަމުރުގައި ބުނަނީ މާހު ޖަބީންގެ ހައްގު ބިނާކޮށްފައި ވަނީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ތަފާތުނުކުރުމުގެ ހައްގާއި 20 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ ހައްގާއި 43 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގުގެ މައްޗަށް ކަމަށެވެ.

އެހެން ކަމުން ދައުވާކުރާ ފަރާތުގެ އެ ހައްގުތަކާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ދައުވާގެ މަގުސަދު އެއްވެސް ކަމެއް މެދުވެރިވުމަކީ ދައުވާކުރާ ފަރާތުގެ ހައްގަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެ ކަމަށެވެ. އަދި މާހު ޖަބީން ދައުވާ ކުރި މައްސަލައިގެ ޝަރީއަތުން ނިމެންދެން އެ މަގްސަދު ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފިނޭންސް މައްޗަށް އަމުރު ކުރާ ކަމަށެވެ.

މާހު ޖަބީންގެ ދައުވާގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ ސިވިލްސާވަންޓުންގެ މުސާރައިގެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ އަމުރު އިސްތިއުނާފު ކުރުމަށް ދައުލަތުން މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށާއި އެމައްސަލައަށް ގޮތެއް ނުނިމެނީސް އެ މައްސަލައާއި އެއްގޮތަށް ހުށަހެޅޭ މައްސަލައެއް ކޯޓަށް ހުށަހެޅިގެން ނުވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އެލަވަންސަށް 20000ރ. މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ވެސް އަދި ނުދިނުމަށްވެސް ދައުލަތުން ނިންމާފައި ނުވާކަމަށް ބުންޏެވެ.

ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ ކޮމެޓީ އެލަވަންސް ދިނުމަށްވެސް އަދި ނުދިނުމަށް ވެސް އޮތް ހަމައެކަނި ލިޔުމަކީ ކޮމެޓީ އެލަވަންސަށްވާ ފައިސާ ޖަމާކޮށްދިނުން އެދި ފިނޭންސް މިނިސްޓަރަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ. ނަމަވެސް އެ ސިޓީއަށް ރައީސް އޮފީހުންވެސް އަދި ފިނޭންސް މިނިސްޓްރީން ވެސް ގޮތެއް ނިންމާފައިނުވާތީ އެފައިސާ ދޭންޖެހޭނެކަމަށް ދައުލަތުން ނިންމާފައިނުވާކަން ސާފުކޮށް އެނގޭކަމަށެވެ.


ދައުލަތަށް ރައްދުދެއްވައި، ދައުވާ ކުރާ ފަރާތުގެ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ފިނޭންސް މިނިސްޓްރީގެ ކުރިމަތީގައި ހުންނަވައިގެން ކޮމެޓީ އެލަވަންސް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގެ އިސް ވެރިން ވެސް އެފައިސާ ދޭނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.