13 Nov 2018, 10:03
ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާ މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ނަން ހުށަހަޅުއްވައިފިއެވެ.
މަޖިލީހަށް ފާރިސްގެ ނަން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއެވެ. އެ ހުށަހެޅުމަށް ރޮޒައިނާ އާދަމް ވަނީ ތާއީދު ކުރައްވާފައެވެ.
ޕީޕީއެމްގެ ފަރާތުން ވަނީ ޖޭއެސްސީއަށް އައްޔަން ކުރުމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ.
ޖޭއެސްސީގެ މެމްބަރު ކަމަށް އެ ދެ ބޭފުޅުންގެ ތެރެއިން ނަގާނީ ކޮން ބޭފުޅެއްކަން ކަނޑައަޅާނީ މިއަދު މަޖިލީހުގައި ނަގާ ވޯޓަކުންނެވެ. އެ މަޖިލީހުގެ ބައްދަލުވުން ފެށޭނީ 13:30ގައެވެ.
މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވަކިކުރުމަށް މަޖިލީހުން އިއްޔެ ފާސް ކުރުމުންނެވެ. އޭނާ ވަކި ކުރުމަށް ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
ރިޒާ މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލައިގައި ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތުތައް ރިޒާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ. މީގެ އިތުރުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވި ނަމަވެސް އަމިއްލަ ފަރާތްތަކަށް ވަކާލާތު ކޮށްދިނުމަށް ރިޒާ ކޯޓަށް ވަޑައިގަންނަވާ ކަމަށާއި އެއީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމެއްކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ. އަދި ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުމުގައި ހަމައާއި އިންސާފުން އެއްކިބާވެވަޑައިގެން އެކަން ކުރައްވާ ކަމަށް ރިޒާ މަގާމުން ދުރުކުރުމަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ. ސަރުކާރު ހިންގާ ޕާޓީ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައްޔާއި ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މެންބަރު ރިޒާ ހުންނެވުމުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ފުރުސަތު ލިބޭ ކަމަށް މައްސަލައިގައި ފާހަގަ ކުރިއެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ ވަކިކުރުމަށް 42 މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ކުރުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.