13 Nov 2018, 09:50
ނޭޕީޑޯ (ނޮވެމްބަރު 13): އެމްނެސްޓީ އިންޓަނޭޝަނަލް އިން ދޭ އެންމެ މަތީ އިންސާނީ ހައްގުތަކާ ބެހޭ ޝަރަފު، އެމްބެސެޑާ އޮފް ކޮންޝަންސް އެވޯޑު، މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީގެ އަތުން އަތުލައިފި އެވެ.
އެއީ މިޔަންމާގައި މީގެ ކުރިން އޮތް އަސްކަރީ ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކެވުމާ ގުޅިގެން ސޫޗީ ގޭބަންދުގައި ހުންނެވި އިރު، 2009 ވަނަ އަހަރު އެމްނެސްޓީން އެކަމަނާއަށް ދިން ޝަރަފެކެވެ. އޭރު އެޖަމްއިއްޔާއިން ސޫޗީ ސިފަކޮށްފައި ވަނީ "އުއްމީދާއި، ހިތްވަރާއި އިންސާނީ ހައްގުތައް ދިފާއު ކުރުމުގައި ދެމިހުންނެވީ ނަމޫނާއެއް"ގެ ގޮތުގަ އެވެ.
ނަމަވެސް އެމްނެސްޓީގެ ސެކްރެޓަރީ ޖެެނެރަލް ކުމީ ނައިދޫ ވިދާޅުވި ގޮތުގައި ސޫޗީ މިހާރު އަމަލު ކުރައްވަނީ އެގަބޫލު ކުރުންތަކާ ހިލާފަށެވެ. އަދި އެކަމަނާއަށް ދިން ޝަރަފު އަތުލަން ނިންމީ، މިޔަންމާގެ ރޮހިންގާ މުސްލިމުންގެ ދިފާއުގައި ވާހަކާ ދައްކަވަން އެކަމަނާ ދެކޮޅު ހެއްދެވެމުންނެވެ.
BREAKING: We have withdrawn our highest honour, the Ambassador of Conscience Award, from Aung San Suu Kyi, in light of the Myanmar leader’s shameful betrayal of the values she once stood for.https://t.co/Ag4ndGmVKopic.twitter.com/9Po3olDmlA
— Amnesty International (@amnestyusa)November 12, 2018
"ސޫޗީއަކީ މިހާރު އުއްމީދާއި ހިތްވަރާއި އިންސާނީ ހައްގުތައް ދިފާއު ކުރުމުގައި ދެމިހުންނަވާ ފަރާތަކަށް ނުވާތީ އަޅުގަނޑުމެން ހިތާމަ ކުރަން. ރޮހިންގާއިންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ބޮޑުކަމާއި ސީރިއަސްކަން ސޫޗީ ދެކޮޅު ހެއްދެވުމަކީ، (ރޮހިންގާއިންގެ) ހާލަތު ރަނގަޅު ވުމުގެ ފުރުސަތު ކުޑަވާ ކަމެއް،" ނައިދޫ ވިދާޅުވި އެވެ.
ރޮހިންގާއިންގެ ބަޔަކު ދިން ހަމަލާއަކަށް ރައްދު ދިނުމަށް ކަމަށް ބުނެ، 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާ އިން ރާކިން ސްޓޭޓުގައި ފެށި އަނިޔާވެރި އޮޕަރޭޝަނުގެ ސަބަބުން އެގައުމު ދޫކޮށް ދިޔަ ރޮހިންގާއިންގެ އަދަދު ވަނީ 700،000އަށް އަރާފަ އެވެ.
އޭގެ ސަބަބުން، މީގެ ކުރިން ސޫޗީއަށް ދީފައިވާ އިތުރު ޝަރަފުތަކެއް ވެސް އަތުލާފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ހޮލޮކޯސްޓް މިއުޒިއަމް އިން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށްދޭ އެލީ ވީސަލް އެވޯޑާއި ކެނެޑާއިން ދިން އޮނަރަރީ ސިޓިޒަންޝިޕް ހިމެނެ އެވެ.