ޣައްޒާ (ނޮވެމްބަރު 13) : އިސްރާއީލު ސިފައިންގެ ބަޔަކު ސިއްރުން ޣައްޒާގެ އެތެރެއަށް ވަދެގަނެ އުދުވާނީ ހަމަލާތަކެއްދީ ފަލަސްތީނުގެ އަށް މީހަކު ޝަހީދުކޮށްލުމާ ގުޅިގެން ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ބަދަލުކުރަމުންގެންދާ ޙަމަލާތަކުގައި އިސްރާއީލުގެ ދެމީހުން މަރުވެ، 19 މީހުން ޒަޚަމްވެއްޖެ އެވެ.

އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމާ ބެހޭ ގޮތުން ފަލަސްތީނުގެ ޙަމާސްޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ނިންމީ ޣައްޒާގެ ކައިރީގައި އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަބާދީތަކަށް ރައްދު ޙަމަލާތައް ދިނުމަށެވެ. މިގޮތުން ފާއިތުވި ވިއްސަކަށް ގަޑިއިރު ތެރޭގައި އިސްރާއީލުގެ ޔަހޫދީ އާބާދީތަކަށް 300 އަށް ވުރެ ގިނަ ރޮކެޓް ޙަމަލާ ފަލަސްތީނުގެ މުޖާހިދުން ދީފައިވާއިރު އެއިން ވަރަށްމަދު ރޮކެޓެއްނޫނީ އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމް ކަމަށްވާ އަޔަންޑޯމް ނިޒާމަށް ވައްޓާލެވިފައެއް ނުވެ އެވެ.

މުޖާހިދުންގެ ހަމަލާތަކުގައި ޔަހޫދީ ވަޒަންވެރިންގެ އެކަކު މަރުވެ 19 މީހުން ޒަޚަމްވެފައިވާ އިރު ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ޔަހޫދީންތައް އިއްޔެއިން ފެށިގެން ތިބެނީ ބިންގަރާސްތަކުގަ އެވެ. އިސްރާއީލުން ވަނީ ޣައްޒާގެ ވިހި ތަނަކަށް ފައިޓަރޖެޓުން ޙަމަލާތައްދީފަ އެވެ.

އެޙަމަލާތަކުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އިސްރާއީލުން ޙަމަލާދިން ތަންތަނުގެ ތެރޭގައި ޣައްޒާގައި ހުންނަ ޙަމާސް ޖަމާއަތުގެ ޓީވީ ސްޓޭޝަން ކަމަށްވާ އަލްއަގްސާ ޗެނެލް ވެސް ހިމެނެ އެވެ. އެޗެނެލް އަށް ދިން ޙަމަލާތަކާ އެކު އެސްޓޭޝަންގެ މަސައްކަތް އެއްކޮށް ހުއްޓި ޓެލެކާސްޓް ވެސް ވަނީ ހުއްޓިފަ އެވެ. ނަމަވެސް އޭގެ ދެތިން ގަޑިއިރު ފަހުން ބިމު އަޑީގެ ސްޓޭޝަނަކުން ޙަމާސްގެ ޓީވީ ވަނީ އަލުން ޓެލެކާސްޓް ކުރަން ފަށައިފަ އެވެ.

އިސްރާއީލު ސިފައިންގެ ބަޔަކު ބަރުހަތިޔާރާ އެކު މިދިޔަ ހޯމަ ދުވަހު ޣައްޒާގެ ދެކުނަށް ވަދެގަތީ ޣައްޒާއާ ދެކޮޅަށް ވަރުގަދަ އުދުވާނެއް ހިންގުމަށް މަގުފަހި ކުރުމުގެ ގޮތުންކަމަށް ހަމާސުން ބުނެ އެވެ. ނަމަވެސް ޣައްޒާގެ ސަރަހައްދަށް އިސްރާއީލު ސިފައިން ސިއްރިޔާތުގައި ވެދެގަތުމާ އެކު ހަމާސްގެ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރި އެވެ. އެހަމަލާތަކުގައި ފަލަސްތީނުގެ ހަތް މީހުން ޝަހީދުވި ނަމަވެސް ޣައްޒާއަށް ވަދެގަތް އިސްރާއީލުގެ ބާރުތަކުގެ ކޮމާންޑަރު ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވުމުން އިސްރާއީލުގެ ބާރުތައް ވަނީ މަގްސަދު ހާސިލްނުކުރެވި އަވަސްގޮތަކަށް ސަރަހައްދީ ރޮނގު ހުރަސްކޮށް ފާބައިގެން ގޮސްފަ އެވެ.

އިސްރާއީލުން ވެސް ވަނީ އެ އޮޕަރޭޝަންގައި ފަލަސްތީނުގެ އަށް މީހުން ޝަހީދުވުމުގެ އިތުރުން އިސްރާއީލުގެ ބާރުތަކުގެ ކޮމާންޑަރަކަށް ހުރި އިސްރާއީލު ސިފައިންގެ އޮފްސަރު މަރުވިކަމަށް އެއްބަސްވެފަ އެވެ. އިސްރާއީލު ހިންގި އެ އޮޕަރޭޝަންގައި ފަލަސްތީނުގެ އަށް މީހުން ޝަހީދުވީ އެވަގުތު އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ޙަމާސްގެ މުޖާހިދުންނަށް އަމާޒުކޮށް ދިން ޙަމަލާތަކެއްގައިކަމަށާ އެއްގަމުގައި ހަމަލާތައް ބަދަލުކޮށްގެން ނޫންކަމަށް ޙަމާސުން ބުނެ އެވެ. (އަލްޖަޒީރާ)