13 Nov 2018, 09:25
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ބަޖެޓު ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތް ގޮތަށް ފަރުމާކޮށްފައިވާ ބަޖެޓެއް ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައިވެސް މިފަދަ ގޮތަކަށް ހުށަހެޅި ފުރަތަމަ ބަޖެޓުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާ ކުރެވޭ އިރު، އާމްދާނީއާއި ހިލޭ އެހީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. ބަޖެޓު ޑެފިސިޓްގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ އަރަނި ވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މިނިސްޓަރު ވިދާޅުވީ 2018 ވަނަ އަހަރަކީ ގިނަ މަޝްރޫއުތަކެއް ނިމި އޭގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާފައިވާ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރަކީ ރާއްޖޭގެ ޕްރޮޑަކްޝަން ޕޮލިބިލިޓީ ޕްރޮންޓިއާ (ޕީޕީއެފް) ޝިފްޓު ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދެވުނު ފަސް އަހަރު ކަމަށެވެ.
ފާއިތުވި ފަސް އަހަރު ތެރޭ ކެޕިޓަލް ހަރަދުގެ ގޮތުގައި 41 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށާއި އޭގެ ތެރޭގައި ޕީއެސްއައިޕީއަށް ހަރަދުކުރި 25 ބިލިއަން ރުފިޔާ ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފާއިތުވި ފަސްއަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް ރިޔާސީ ދައުރެއްގެއް ތެރޭގައި އުމްރާނީ ތަރައްގީއަށް މިވަރުގެ ބޮޑު ހޭދައެއް ކުރެވުނު ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.