ޖީއެމްއާރުގެ ސަބަބުން ދިވެހިންނަށް ލިބެމުންދާ ގެއްލުންތަކުގެ ޒިންމާ ޑީއާރްޕީގެ ލީޑަރު ތަސްމީނު އަލީ ނަންގަވަން ޖެހޭނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީ އުފެއްދުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު ހަރަކާތްތެރިވެ ވަޑައިގަންނަވާ އުމަރު ނަސީރު ވިދާޅުވީ ޖީއެމްއާރް އިން ފިއުލްގެ އަގު ބޮޑު ކުރަމުން ދިއުމުގެ ސަބަބުން ދިވެހި އެއާލައިން ތަކަށް ކުރިމަތި ވަމުންދާ ގެއްލުން ތަކުގަ އާއި އެ ކުންފުނިން މުސާރަ ދިނުމުގައި ބިދޭސީންނާއި ދިވެހިންނާއި މެދު ގެންގުޅޭ ތަފާތު ކުރުމުގެ ސަބަބުން ދިވެހިންނަށް ދިމާވެފައިވަ ދަތިތަކުގެ ޒިންމާ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އުފުއްލަވަން ޖެހޭނެ ކަމަށެވެ.
~
އުމަރު ވިދާޅުވީ އެއާޕޯޓް ޖީއެމްއާރާ ހަވާލު ކުރުމުން ދަތިތައް ކުރިމަތިވެ ރައްޔިތުންނަށް ގެއްލުންވާނެ ކަން އެނގޭތީ ޑީއާރްޕީގައި ތިއްބަވައިގެން ރައްޔިތުންގެ ހެވާ ލާބަޔަށް ޖީއެމްއާރާ ދެކޮޅަށް ކުރެއްވި މުޒާހަރާ ހުއްޓުވައިލުމުގައި ޑީއާރުޕީގެ ލީޑަރު ތަސްމީނު އަލީ ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

"މިކަން މިހެން ވާނެތީ އަޅުގަނޑުމެން ވަކާލާތު ކުރަމުން ދިޔައީ ޖީއެމްއާރް އިން އަޅުގަނޑުމެންގެ އެއާޕޯޓް ނަގައިގެން ނުވާނެ ކަމަށް. ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކުރިން އެއާޕޯޓްގައި މަސަތްކަތް ކުރާ އެންމެ އާދައިގެ މުވައްޒަފުންނަށް ވެސް ބޭސިކް މުސާރައިގެ ގޮތުގައި 4500ރ. ލިބޭ ކަމަށާއި ނަމަވެސް މިހާރު އަލަށް ވަންނަ މުވައްޒަފުންނަށް ބޭސިކް މުސާރައިގެ ގޮތުގައި ދެނީ 2500ރ. ކަމަށެވެ. އަދި އާދައިގެ މުވައްޒަފަކަށް އެލަވަންސާ އެކު 11،000ރ. ކުރިން ލިބޭ ކަމަށާއި ނަމަވެސް މިހާރު އެމަގާމުގެ މުވައްޒަފުންނަށް ދެމުންދަނީ 6000ރ. ކަމަށެވެ. އޭގެ ބަދަލުގައި ޖީއެމް އާރުގެ މެނޭޖިން ޑިރެކްޓަރަށް މަހެއްގެ މައްޗަށް 50،000 ޑޮލަރު މުސާރައިގެ ގޮތުގައި ދޭ ކަމަށާއި އެކުންފުނީގެ ސީއީއޯ އަށް މަހެއްގެ މައްޗަށް 33،000 ޑޮލަރު ދޭ ކަމަށެވެ.

ޖީއެމްއާރުގެ ވަޒީފާ އަދާ ކުރާ ބިދޭސީ މުވައްޒަފުންނާބެހޭ ގޮތުން އުމަރު ވިދާޅުވީ އެއާޕޯޓް ޖީއެމްއާރާ ހަވާލު ކުރައްވަމުން އެއާޕޯޓް ގައި މަސަތްކަތް ކުރާނީ 4،5 ބިދޭސީ މުވައްޒަފުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށާއި އެކަމަކު މިހާރުވެސް 60 ބިދޭސީ މުވައްޒަފުން ޖީއެމްއާރުގައި ވަޒީފާ އަދާ ކުރަމުން ގެންދާ ކަމަށެވެ.

"ރައީސް ނަޝީދު އެއާޕޯޓްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވިދާޅުވެފައި އެބައޮތް ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރެއްވިޔަސް ކަންބޮޑު ނުވާށޭ. ގާތްގަނޑަކަށް ފަހެއް ނޫނީ ހަތަރު ބިދޭސީންނޭ މަސަތްކަތް ކުރާނީ. އެހެންނަަމަވެސް މިހާރުވެސް 60 އަށް ވުރެ ގިނަ ބިދޭސީން ވަޒީފާ އަދާ ކުރަމުން އެބަދޭ ދާއީމީ ކޮށް." އުމަރު ވިދާޅުވިއެވެ.

ޖީއެމްއާރް އިން ފިއުުލްގެ އަގު ބޮޑުކުރަމުން ގެންދިއުމުގެ ސަބަބުން ބައެއް އެއާލައިންތައް ބަނގުރޫޓްވެ އެ އެއާލައިންތަކަށް ރާއްޖޭގައި އޮޕަރޭޓް ކުރުމުގެ ފުރުސަތު ގެއްލެމުންދާ ކަމަށް ވެސް ޕީޕީއެމްއިން ތުހުމަތު ކުރެއެވެ.