13 Nov 2018, 08:52
މަލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ ބިހުރޯޒު ކަމަނާ މިސްކިތް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާކަމުގެ ރިޕޯޓު މިއަދު ހެނދުނު 7:07 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އޭނާ އަށް އައިޖީއެމްއެޗް ގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ވަޅިން ހަމަލާދީގެން 33 އަހަރުގެ މީހަކު މިއަދު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައީ 7:10 ހާއިރު ކަމަށާއި އޭނާގެ ގައިގެ ނުވަ ތަނަކަށް ވަޅިހަރާފައިވާކަމަށް ހޮސްޕިޓަލުން ބުންޏެވެ.
"އޭނާއަށް ދަނީ އެމަޖެންސީގައި ފަރުވާދެމުން. ހާލު ސްޓޭބަލް" އައިޖީއެމްއެޗުން ބުންޏެވެ.
އެނގިފައިވާގޮތުގައި އެމީހާއަށް ވަޅިން ހަމަލާދީފައިވަނީ ސައިކަލުގައި އައި ދެމީހަކުއެވެ. ހަމަލާދީފައިވަނީ ގޭގައި އޮއްވާ މަގުމައްޗަށް [ނީލޯފަރުމަގު] ނެރުމަށް ފަހު ކަމަށްވެސް އެނގިފައިވެއެވެ.