އަންނަ އަހަރަކީ 5ޖީ އަށް ހާއްސަ އަހަރެކެވެ. 5ޖީ ފޯނުތައް ތައާރަފުކޮށް އިންޓަނެޓުގެ އާ ދުނިޔެއަށް މީހުން ގެންގޮސްދޭނެއެވެ. ގިނަ ކުންފުނިތަކަކުން 5ޖީ ފޯނުތައް އިއުލާނުކޮށްފައިވާއިރު އެންމެ ބޮޑު އެއް ޓެކް ކުންފުނި އިންޓެލް އިންވެސް މިވަނީ އެމީހުންގެ 5ޖީ މޮޑެމް އަންނާނެކަމަށް ލަފާކުރާ ތާރީހު އާންމުކޮށްފައެވެ.

އިންޓެލް އިން އާންމުކޮށްފައިވާގޮތުގައި އެމީހުންގެ އެކްސްއެމްއެން 81605ޖީ މޮޑެމް 2019 ގައި ރިލީޒް ކުރާނެއެވެ. މި އުފެއްދުމާއެކު ނެރޭ ފުރަތަމަ ޑިވައިސް 2020 ގެ މެދުތެރޭ ރިލީޒްކުރާނެއެވެ.

މި މޮޑެމްއަކީ ސިކުންތަކު ހަ ގިގަބައިޓްގެ ސްޕީޑުގައި އިންޓަނެޓް ބޭނުންކުރެވޭނެ މޮޑެމްއެއް ކަމަށް އިންޓެލް އިން ބުނެއެވެ. 5ޖީ އިން ފެށިގެން 2ޖީ ނެޓްވޯކުގައިވެސް މި ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިންޓެލް އިން އުޅެނީ 5ޖީ ޓެކްނޮލަޖީގެ ތަންކޮޅެއް ފަހަތުގައޭ ބުނެވިދާނެއެވެ. ސެމްސަންގް، ވާވޭ، ވަން ޕްލަސް، އެޗްޓީސީ، ޝޯމީ އަދި އެލްޖީ ފަދަ ކުންފުނިތަކުން މިހާރު ވަނީ ކުއެލްކޮމް އާއެކު 5ޖީ ފޯނު އުފެއްދުމަށް މަސައްކަތް ފަށައިފައެވެ.

އިންޓެލް އާއެކު 5ޖީ ފޯނުގެ މަސައްކަތް ކުރާ ކުންފުންޏަކަށް ވާނީ އެޕަލް އެވެ.