13 Nov 2018, 08:49
ކާނަލް ނާޒިމް ފްރޭމް ކުރުމުގެ މައްސަލަ ތަހުގީގު ކުރެއްވުމަށް ގޮވާލައި، ތަހުގީގު ކުރެއްވުމުން އޭގެ ފަހަތުގައި ތިބީ ކޮންބަޔެއްކަން އެނގިގެން ދާނެ ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް، މުހައްމަދު ނާޒިމް، ރައީސުލް ޖުމްހޫރިޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓަށް ރައްދުދެއްވައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ މިނިވަނެއްގެ ގޮތުގައި ރާއްޖެ ވަޑައިގަތުމަށް ފަހު މީޑިއާއަށް މައުލޫމަތު ދެއްވަމުން ކާނަލް ނާޒިމް ވިދާޅުވީ އޭނާގެ ގެކޮޅުން ފިސްތޯލައެއް ފެނުނުކަމަށް ބުނެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ފުރޭމް ކޮށްގެން ކަމަށެވެ. އަދި އެކަމުގެ އަޑީގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީން އާއި އޭރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ހުސައިން ވަހީދު ކަަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ރައީސް ގެ ތަރުޖަމާން މުއާޒް، ނާޒިމް ދެއްކެވި ވާހަކަ ދޮގު ކުރައްވައި އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ މިނިވަން މުއައްސަސާއެއް ކަަމަށާއި އަދި ކުށެެއްގެ މައްސަލައިގައި ތަނެއް ބަލައި ފާސްކުރުމުގައި ވަޒީރެއްގެ ތަނެއް ވިޔަސް ރައީސް ޔާމީންގެ ހުއްދަ ހޯއްދަވަން ޖެހޭ ގޮތަށް އަންގާފައި ނުވާނެ ކަމަށެވެ.
އިއްޔެ ޖުމްހޫރީ ޕާޓީން ކުނޫޒް ގައި، ނާޒިމް އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ތަރުޖަމާނަކަށް ކޮންމެ ފަދަ ވާހަކައެއްވެސް ދެއްކެވިދާނެ ކަމަށާއި ހަގީގަތަކީ ޑިފެންސް މިނިސްޓަރެއްގެ ގެޔަށް އޭރަކު ހުންނަވާ ރައީސްއަކަށް އެނގިވަޑައިނުގެން ވަދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
ކެޕްޝަން..
"މީގެ އިންސާފު ހޯދުމަށް އަޅުގަނޑު މި ކުރަނީ ތުހުމަތެއް. ތުހުމަތު ތަހުގީގު ކުރައްވީމަ ދެން އެނގޭނީ ކިހިނެއްތޯ މިކަން ހިނގައި ދިޔައީ، އަޅުގަނޑަށް ވަރަށް ބޮޑަށް ސުވާލު އުފެދޭ ކީއްވެގެންތޯ ރައީސް ޔާމީން މިކަން ތަހުގީގު ކުރަން ވިސްނުން ފުޅު ނުގެންގުޅުއްވަނީ. މިކަން ތަހުގީގު ކުރެއްވި ނަމަ މިކަމުގެ ބައިވެރިން ވަރަށް ސާފުކޮށް އެނގިގެން ދާނެ،" ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނު ކަމަށް ސާބިތުވެ 11 އަހަރަށް ހުކުމްކޮށް، މިހާރު އެހުކުމް ރިވިއު ކޮށް ނިންމެންދެން ސުޕްރީމް ކޯޓުން ހުކުމް ސަސްޕެންޑް ކޮށްފައިވާ ކާނަލް ނާޒިމް ވިދާޅުވި އެވެ.
އިތުރަށް މައްސަލަ ތިލަ ކޮށްދެއްވަމުން ނާޒިމް ވިދާޅުވީ، ޖަލުގަ އޮންނެވި އިރު، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާ ބައްދަލުވި ކަމަށާއި އަދީބަށް ވެސް އެ ސުވާލު ކުރިމަތި ކުރެއްވި ކަމަށެވެ.
"އަދީބު ވިދާޅުވި މިއީ ރައީސް ޔާމީންއަށް އެނގިވަޑައިގެން ހިގައިދިޔަ ކަމެއް ކަމަށް [ނާޒިމް ފްރޭމް ކުރުން]،" ޖަލުން ބައްދަލުވެ އަދީބު އެގޮތަށް ވިދާޅުވިކަމަށް، ނާޒިމް ވިދާޅުވި އެވެ.
މިއަންނަ ހޮނިހިރު ދުވަހު ހުވާ ކުރައްވާ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމެއްގައި މިކަން ތަހުގީގު ކުރައްވައި މިކަމުގެ ފަހަތުގައި ތިއްބެވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި އޭނާއަށް އިންސާފު ލިބިގެން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.