13 Nov 2018, 02:31
ރާއްޖެއާ އިންޑިއާގެ އަސްކަރިއްޔާއާ ދެމެދު މައްސަލައެއް ނެތް ކަަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ކޮޗިންގައި މާދަމާ ފަށާ 10 ވަނަ "އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް" ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވާ ދަތުރުގެ ތެރެއިން، ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (ސީއެންއައި) އަށް ދެއްވި އިންޓަވިއުއެެއްގައި ޝިޔާމް ވިދާޅުވީ ސީޔާސީ މަޝްރަހުގައި ރާއްޖެއާ އިންޑިއާއާ ދެމެދު ނުތަނަވަސްކަމެއް އުޅުނު ނަމަވެސް ދެ ގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ޝިޔާމް ވިދާޅުވީ އިންޑިއާއިން ފެނިގެންދަނީ ބޮޑެތި ގައުމުތަކުން ފެންނަފަދަ ހަރުދަނާ ސިފަތަކެއް ކަމަށެވެ. އެގޮތުން 1988 އަށްވަނަ އަހަރު ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ބާގީން އެރި އުދުވާނުގައިވެސް އިންޑިއާގެ އަސްކަރިއްޔާގެ ކުޅަދާނަކަން ފެނިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އިންޑިއާއިން އެ ދުވަހު ރާއްޖެ އައިސް އެހީވެދީ ހެދި. އެހެންގައުމުތަކުންވެސް އެ ފަދައިން އަމަލުކުރާނަމަ އެކަން މިސާލަަކަށް ވާނެ،" ޝިޔާމް ވިދާޅުވިއެވެ.
އެ އިންޓަވިއުގައި އިންޑިއާއިން ރާއްޖެއަށް އިތުރަށް ކޮށްދެވޭނީ ކޮންކަމެއްތޯ ސުވާލުކުރުމުން ޝިޔާމް ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކަމަށެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާ ތަމްރީންކުރުމަށް އިންޑިއާއިން ވެދެމުންގެންދާ އެހީތައް ޝިޔާމް ވަނީ ފާހަނގަކުރައްވައިފައެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގެ އޮޕަރޭޓްކުރަމުންދާ ހެލިކޮޕްޓަރުތަކާ ބެހޭގޮތުން ޝިޔާމް ވިދާޅުވީ އެ އެއްޗެތި އޮޕަރޭޓް ކުރުމުގައި ހާއްސަކޮށް މޫސުމީ ބައެއް ގޮންޖެހުންތައް އެބަހުރި ކަމަށާއި އޭގެ ސަބަބުން ބަލިމީހުން އުފުލުމުގައި ބައެއް ހާލަތްތަކުގައި އުނދަގޫ ކަމަށެވެ.